ބެއިޖިންގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ބަލިކުރުމަށްފަހު، ސްޕެއިނުގެ ކާލޮސް އަލްކަރާޒް ފިރިހެން ސިންގަލްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އުމުރުން 21 އަހަރުގެ އަލްކަރާޒް އިޓަލީގެ ސިނާ ބަލިކޮށްފައިވަނީ މެޗުގެ ފުރަތަމަ ސެޓުން އޭނާ ބަލިވެފައިވަނިކޮށް ފަހަތުން އަރާ ދެ ސެޓް ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ސިނާ ވަނީ ހައެއް ހަތެއް ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު އަލްކަރާޒް ވަނީ މި ދެ ސެޓް ހައެއް ހަތަރެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއެކު މިއީ އަލްކަރާޒްގެ ކެރިއަރގައި އޭނާ ކާމިޔާބުކުރި 16 ވަނަ މުބާރާތެވެ. އަދި މިއީ އޭނާ ކާމިޔާބުކުރި ހަތަރުވަނަ އޭޓީޕީ ޓުއަރ އެވެ.
މި މުބާރާތް ކާމިޔާބުކުރުމަށްފަހު އަލްކަރާޒް ބުނެފައިވަނީ މެޗުގެ ފުރަތަމަ ސެޓުގައި އޭނާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ފަހުން އެކަންތައް ރަގަޅުކޮށް މުޅި މެޗުގައި ދެއްކުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ޔަނިކް ސިނާ އާއި ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މި މެޗުގައިވެސް އޭނާވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ.
ނިމިގެންދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ކެޓުމަށްފަހު އަލްކަރާޒް ވަނީ ބަލިނުވެ ނުވަ މެޗު ކުޅެފައެވެ. އޭގެ ތެރޭގައި ނިމިގެންދިޔަ ލޭވަރ ކަޕް ޓީމް ޔޫރަޕަށް ކާމިޔާބު ކޮށްދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މި މުބާރާތުގެ ފައިނަލުން ސިނާ ބަލިވެފައިވާއިރު, މާނާ ބޭސް ބޭނުންކޮށްފައިވާކަމަށް ޕޮޒިޓިވްވެ ސިނާ އަށް ވަގުތީ ސަސްޕެންޝަނެއް ދިނުމަށްފަހު އެ މައްސަލައިގައި އޭނާ ކުށްވެރި ނުވާކަމަށް މިދިޔަ މަހުވަނީ ނިންމާފަ އެވެ. ނަމަވެސް އެ މައްސަލަ އެއްކޮށް ނިންމުމަށްޓަކައި ވޯލްޑް އެންޓި ޑޯޕިން އެޖެންސީން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެޕީލް ކުރަން ނިންމާފައިވާކަމަށް އިއުލާން ކޮށްފަ އެވެ.
މި މައްސަލަ ކުރިއަށް ގެންގޮސްފައިވާ ގޮތާއި ގުޅިގެން ބައެއް ކުޅުންތެރިންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ކުރިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ވަނީ ސިސްޓަމް ރަގަޅަށް މަސައްކަތް ނުކުރާކަމަށް ބުނެ އެކަމަށް ފާޑުކިޔާފަ އެވެ. އަދި ވީހާވެސް އަވަހަކަށް އެމައްސަލަ ނިންމުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.