ދިވެހި ކުޅުންތެރިންނާއި ތަމްރީނުދޭ މީހުންގެ މެދުގައި ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަމަށްބުނެ ޤައުމީ ކުޅިވަރު ޖަމްޢިއްޔާތަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ. ކުޅިވަރުގެ ގިނަ ޖަމްޢިއްޔާތަކަކެއް ހިމެނޭހެން ވަނީ ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ.
ޤައުމީ ކުޅިވަރުގެ 21 ޖަމްޢިއްޔާއެކުވެގެން ނެރުނު ބަޔާނެއްގައި ވަނީ ވޭޕް އަދި އީ-ސިނގިރޭޓްގެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ޖީލުތަކަށް ކޮށްފާނެކަމުގެ ބިރު އިންތިހާއަށް އުފެދިފައިވާކަމަށެވެ.
ދިވެހި ކުޅުންތެރިންނާއި ތަމްރީނުދޭ މީހުންގެ މެދުގައި ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ކަމަށާއި އޭގެ ނުރައްކާ ވެސް އިތުރުވަމުން އަންނަކަމަށް ޖަމްޢިއްޔާތަކުން ފާހަގަކުރިއެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފުއްޕާމެއަށް ދިމާވާ ސިއްހީ އެކި އެކި މައްސަލަތަކާއި، ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުޅުންތެރިންގެ ކުޅުން ދަށްވެ ކުރިއެރުމަށް ހުރަސްއެޅި ދުޅަހެޔޮކަން ގެއްލި ކުޅިވަރު ކުޅުމާ ދުރަށްދާކަން ފާހަގަކުރެވެމުންދާ ކަމަށް ބަޔާނުގައިވެއެވެ.
އެކަމަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުންނާއި މަދަނީ ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް ޤައުމީ ކުޅިވަރުގެ ޖަމްޢިއްޔާތަކުން ބުނީ އެކަން ވެފައިވަނީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދެކެން ބޭނުންވާ ރަން ވަނަތައް ހާސިލްކުރުމަށް އެޅިފައިވާ ހުރަހަކަށް ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ޖީލު އެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއި ވިޔަފާރި ކުރުމާއި އަދި އެތަކެތި ގެންގުޅުން މަނާކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ވޭޕް އަދި އީ-ސިނގިރޭޓް ބޭނުންކުރުމަކީ ޤައުމީ ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައިގެނެ އަވަހަށް ފިޔަވަޅު އެޅުމަށްވެސް ޤައުމީ ކުޅިވަރު ޖަމިއްޔާތަކުން ވަނީ އެދިފައެވެ.
ޤައުމީ ކުޅިވަރު ޖަމިއްޔާތަކުން މިފަދައިން ބުނެފައިވާއިރު ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ ގޮވާލާފައެވެ.
ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ބުނީ، ދުންފަތައް ޒަމާނާއެއްގޮތަށް ބަދަލުއައިސް، މިހާރު ވޭޕާއި އީ-ސިނގިރޭޓި މަޤުބޫލުކަން ހޯދާފައިވާއިރު، މި ތަކެއްޗަކީ އެ ސިނާޢަތުން ދައުވާކުރާގޮތަށް، ގެއްލުން ކުޑަ ތަކެއްޗެއް ނޫން ކަމަށެވެ. އެގޮތުން މިތަކެއްޗަކީވެސް ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރާ ތަކެތިކަން ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
އަދި ޒުވާނުން މި ބާވައްތަކުގެ ތަފާތު އެކި ފްލޭވަރތައް ބޭނުންކުރާއިރު، މީގެ ތެރެއިން ސިނަމަން އަދި މެންތޯލްއަކީ ފުއްޕާމޭ ހަލާކުކުރާ މައިގަނޑު ދެ ފްލޭވަރކަން ދިރާސާތަކުން ދައްކާފައިވާކަމަށް ޑޮކްޓަރުން ޖަމްޢިއްޔާއިން ބުންޏެވެ. އަދި މިފަދަ އާލަތްތަކުގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑުއިރު، މިއީ މަސްތުވާ ތަކެއްޗާ ދެވިހިފުމަށް މަގުފައިވާ ތަކެތިކަން ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.