ޚަބަރު

ބަދަލު ހިފާނެ ކަމަށް ޔަހޫދީން ބުނުމުން އީރާނުގެ ހޫނު ރައްދެއް


އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ޒަޔަނިސްޓު ދަޢުލަތަށް ވަރުގަދަ އަދި ނުރައްކާތެރި މިސައިލް ޙަމަލާތަކެއް ދީފައެވެ. 180 ވަރަކަށް ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އައިއާރްޖީސީން ދިން ޙަމަލާތަކުގައި ބޭނުން ކުރި ގިނަ ޢަދަދެއްގެ މިސައިލްތައް ޔަހޫދީ ފައުޖުން ދިފާޢުކޮށް ވައްޓައިލި ނަމަވެސް, އެ ޙަމަލާތަކާ އެކު ޔަހޫދީންނަށް ބިރުވެރިކަމާއި ހާސްކަން ވެރިވިއެވެ. އަދި, ޢާންމުން ދިރިއުޅޭ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އަޅައި, ބޮން ޝެލްޓަރތަކަށް ވަދެ ފިލުމަށް ޢާންމުންނަށް އަމުރު ކުރިއެވެ.

ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, އައިއާރްޖީސީން ދީފައިވާ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގައެވެ. އެ އިންޒާރަށް އީރާނުން މި ވަނީ ހޫނު ރައްދެއް ދީފައެވެ. އީރާނުން ބުނީ, ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން އެ ޤައުމަށް އެއްވެސް ޙަމަލާއެއް ދީފި ނަމަ, ޔަހޫދީންނަށް ބޮޑު ހަލާކަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ޔަހޫދީން ބަހުގެ ޙަމަލާތައް އަމާޒު ކުރަން ފެށުމާ އެކު, މެދިއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެެވެ.

އީރާނުގެ މިސައިލް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށެވެ. މިއީ, ލުބްނާނާއި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އައިއާރްޖީސީން ދީފައިވާ ޙަމަލާތަކެކެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ރައްދު ޙަމަލާތަކެކެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޖަރީމާތައް ހިންގަމުން ދަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކުގައެވެ. އައިއާރްޖީސީން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ދިން ވަރުގަދަ ޙަމަލާތައް ދިފާޢު ކުރުމުގައި ވެސް އެމެރިކާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި, ޔަހޫދީންނަށް ވާގިވެރިވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދިނެވެ. މި ކަމަށް ރައްދު ދެމުން އީރާނުން ބުނީ, ޔަހޫދީންގެ ވާގިވެރިން މި ކަމުގެ ތެރެއަށް ވަދެއްޖެ ނަމަ, އީރާނުން އެ ކަމާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މެދުއިރުމަތީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއަށް އީރާނާއި އެމެރިކާ ވައްދަން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވާ ކަމުގައެވެ. ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޖަރީމާތަކެއް ފަށާފައި ވަނީ އެ ސަބަބަށް ޓަކައި ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އައިއާރްޖީސީން ބުނީ, ޒަޔަނިސްޓު ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ޙަމަލާ ދޭން ބޭނުން ކޮށްފައިވާނީ ފާތިޙު މަރުކާގެ ހައިޕަރސޮނިކް މިސައިލްތަކެއް ކަމުގައެވެ. މިއީ, އީރާނުން އެ މަރުކާގެ މިސައިލްތަކެއް ބޭނުން ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ މިސައިލްތަކުގެ ތެރެއިން 90 އިންސައްތަ މިސައިލް, އޭގެ އަމާޒަށް ވާސިލުވި ކަމުގައި ވެސް އައިއާރްޖީސީން ހާމަކުރިއެވެ.

ނަމަވެސް, ޔަހޫދީ ފައުޖުން ބުނީ, އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާ އެކު, އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ބައެއް މިސައިލްތައް އިސްރާއީލުގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކަށް ވެއްޓުނެވެ. އަދި, ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް, އެ ގެއްލުންތަކުގެ ތަފުސީލު ހާމަ ކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. މި ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ވެސް ކޮށްފައެއް ނެތެވެ.

އައިއާރްޖީސީގެ ޙަމަލާތަކުގެ އަމާޒު ހާސިލުވެފައި ނުވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވިދާޅުވިއެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަަވަރު ކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސް ވެސް ވިދާޅުވީ, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެމެރިކާއިން އަޅާނެ ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 1,900އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,638އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 96,460 މީހުން ޒަޚަމު ކޮށްލާފައެވެ.