ޚަބަރު

ރައީސުލްޖުމްހުރިއްޔާ، ރަމަޟާންމަހުގެ ތަހުނިޔާ ފޮނުއްވައިފި


ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދަންނަވާކަމަށް ވިދާޅުވެފައިވެއެެވެ. އަދި މިމުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ދަންނަވާކަމަށް ރައީސްގެ ޙިތާބުގައިވެއެވެ. 

އަދި ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބިގަނެ، ރޯދައިގެ މަތިވެރި އަޅުކަން ފަރުވާތެރިކަމާއެކު އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމަށް އިތުރު އަހަންމިއްޔަތެއް ދެއްވައިގެން، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވާފައިވެއެވެ.

" އަޅުގަނޑުގެ އުންމީދަކީ، މި ފެށުނު ބަރަކާތްތެރި ރަމަޟާންމަހަކީ، ހުރިހާގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަދި ތަނަވަސްކަމުގެ މައްސަރެއް ކަމުގައި ވެގެންދިޔުމެވެ" ރައީސުލްޖުމްހޫރިއްޔާގެ ޙިތާބުގައިވެއެވެ.