ޚަބަރު

ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސެލޯނާއަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 5-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ ލުއިސް ކޮމްޕެނީސް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ އަށް ވަނަ މިނިޓުގައި ލެވަންޑޯސްކީ ވަނީ ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.

ބާސެލޯނާ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ ރަފީނިއާ އެވެ. ބާސެލޯނާގެ ޕެޑްރީ ފޮނުވާލި ބޯޅަ ބްލޮކް ކުރުމުނެ އޭރިޔާ ތެރޭގައި ހުރެ ރަފީނިއާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

އަދި ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން އިނީގޯ މާޓީނޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ބާސެލޯނާއިން ޖެހި ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލެވަންޑޯސްކީ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބާށެލޯނާގެ މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ ޔަންގް ބޯއިޒްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ނިކުތްވަގުތު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ބާސެލޯނާއިން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާއިރު, ޔަންގް ބޯއިޒް އަށް އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ ޖޮއެލް މޮންޓޭރޯ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.

މި މެޗުގައި ބާސެލޯނާއިން ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ޔަންގް ބޯއިޒް މުހައްމަދު އަލީ ކަމާރާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި އާ ފޯމެޓަށް ޗެމްޕިއަންސް ލީގު ބަދަލުކޮށް މި ސީޒަނުގައި ކުޅުނު ދެ މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވި ފުރަތަމަ މެޗެވެ. ބާސެލޯނާ ވަނީ ފުރަތަމަ މެޗުގައި މޮނާކޯ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.