ޚަބަރު

މައްސަލަތައް ފާހަގަވި ބޭސް ރާއްޖެ އެތެރެކޮށްފައެއް ނުވޭ: އެމްއެފްޑީއޭ


  • އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ބޭހަކުން ވަނީ މައްސަލަތައް ފާހަގަވެފައި

ކޮލިޓީގެ މައްސަލަތަލެއް ފާހަގަވި އިންޑިއާގެ ބޭސްތައް ރާއްޖެ އެތެރެ ވެފައިނުވާކަން ޔަގީންކުރެވިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، އިންޑިއާގެ ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ކޮލިޓީގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާތީ އެކަން، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށެވެ. އެއާއެކު އެ ބޭސްތައް ރާއްޖެ އެތެރެކޮށް، ވިއްކާތޯ ބެލުމަށް، މާކެޓް އިވެލުއޭޝަނެއް ހަދާފައިވާކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

މިގޮތުން ލިސްޓުގައި ހިމެނޭ އެއްބޭހަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭހެއްނަމަވެސް 2018 ވަނަ އަހަރުގެ ފަހުން އެބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށްފައި ނުވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި މައްސަލަ ޖެހިފައިވާ ބޭހުގެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް އެއްވެސް އުސޫލެއްގެ ދަށުންވެސް އެތެރެކޮށްފައިނުވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އިންޑިއާއަކީ ގިނަ ޢަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ދާ ޤައުމެއްކަމުން، އަދި ބައެއް ޙާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ ބޭސް ގަތުމުގައި ސަމާލުވުމަށް ވަނީ އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.
މިކަން މިގޮތަށް ފާހަގަވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގައި އިންސްޕެކްޝަން އިތުރަށް ވަރުގަދަކޮށް މައްސަލަ ޖެހިފައިވާ އެއްވެސް ބޭހެއް އެތެރެ ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.