ޚަބަރު

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ބިންގާ އަޅުއްވައިފި


ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރގެ 25 ބުރީގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިފިއެވެ. 

އައިޖީއެމްއެޗުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި 25 ބުރީގެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއެވެ. މިރަސްމިއްޔާތުގައި ސެންޓަރުގެ ޢިމާރާތުގެ ބިންގާ އެޅުމުގެ އިތުރުން، އައި.ޖީ.އެމް.އެޗްގައި ޤާއިމްކުރައްވާފައިވާ، ނެޝަނަލް ކަރޑިއެކް ސެންޓަރވެސް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވިއެވެ. އަދި "އޯރކިޑް" ނަމުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތަރައްޤީކުރައްވާފައިވާ އައިޖީއެމްއެޗުގެ ކޮންފަރެންސް ފެސިލިޓީވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ހުޅުއްވައިދެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އައިޖީއެމްއެޗުގައި އެކި ޑިޕާރޓްމަންޓްތައް ބޭރުގެ ހޮސްޕިޓަލްތަކާއި ގުޅިވަޑައިގެން ހިންގަވަން ސަރުކާރުން މަސައްކަތްކުރައްވާނޭކަމަށެވެ. އަދި އެމަސައްކަތް ކުރައްވަނީ ރައްޔިތުންގެ މެދުގައި ޞިއްޚީ ދާއިރާއަށް އިތުބާރު ބޮޑުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

އައިޖީއެމް ހޮސްޕިޓަލުގައި އާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ. ޖުމްލަ ސަތޭކަ ސާޅީސް މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ބިނާކުރައްވާ ފަންސަވީސް ބުރީގެ މި ޢިމާރާތުގެ މަސައްކަތް ދެހާސް އަށާރަވަނަ އަހަރު ނިމޭނެއެވެ.