ޚަބަރު

މާބުލް ޖަހާފައިވާ ސަރަޙައްދު ބުރާސްފަތިދުވަހުގެރޭ ހުޅުވަނީ


އިސްލާމީ މަރުކަޒުގައި މާބުލް ޖަހަމުންދާ ސަރަޙައްދުގެ މަސައްކަތް ނިންމާ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި، އެތަނާއި ގުޅިފައިވާ ބައެއް މަގުތައްވެސް ހިމެނޭގޮތުން ހަތަރުހާސް ދުއިސައްތަ އަކަމީޓަރުގައި މާބުލް ޖެހުމުގެ މަސައްކަތް ނިންމާ، އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށްޓަވާދެއްވަމުންނެވެ. އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙުމަދު ޒިޔާދު ވިދާޅުވީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވައިގެން އެއްތަނެއްގައި އެއްވަގުތެއްގައި ގިނަބަޔަކަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށްގެންދިޔަ މިމަސައްކަތް ނިންމާ ރަމްޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާއިރު، މިތަން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ މިސަރަޙައްދު ބޭނުންކުރަން ފަށާނީ ހުކުރު ދުވަހާއި ބޮޑު ޖަމާޢަތްތަކުގައި ނަމާދުކުރާ ދުވަސްތަކުގައިކަމަށެވެ.

img:http://s3.psmnews.mv/images/660x400/14651407387415.jpg|މާބުލްޖަހާފައިވާ ސަރަޙައްދު ސާފުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރ ބައިވެރިވެވަޑައިގެންނަވަނީ / ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އިސްލާމީ މަރުކަޒަށް ނަމާދަށްދާ ފަރާތްތަކަށާއި ކައިރި ފިހާރަތަކަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރީގެ ދިރާގު ޢިމާރާތް ހުރި ހުސް ބިމުގައި ޕާކްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ޕާކްކުރަން ކަނޑައަޅާފައިވާ ސަރަޙައްދުގައި ފަސްސަތޭކަ ފަސްދޮޅަސްއަށް ސައިކަލް ޕާކް ކުރެވޭނެ ކަމަށާއި ޗާންދަނީ މަގާވީ ފަރާތުން ކާރު ޕާކުކުރުމަށް ދިހަ ވަރަކަށް ޖާގަ ކަނޑައަޅުއްވާފައިވާނެކަމަށެވެ. މިއީ ރަމަޟާންމަހަށް ޚާއްސަކުރައްވައިގެން ވަގުތީގޮތުން ޕާކްކުރެވޭ ސަރަޙެއްދެއްކަމަށާއި، މިސަރަޙައްދުގައި 24 ގަޑިއިރަށްވުރެއް ގިނަ އިރު ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރެއްވުމަށް ޓްރެފިކް ކޮމެޓީން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒު ސަރަޙައްދުގައި މާބުލް ޖެހުމަށް ޗައިނާ ސަރުކާރުން ވަނީ 1.14 މިލިޔަން ޑޮލަރުގެ އެހީއެއް ދެއްވާފައެވެ.