ރާއްޖޭގައި އުފެދުނު އަންހެން އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ފާތިމަތު ރިޝްމާ، 22 އަހަރަށްފަހު ކުޅުން ހުއްޓާލައިފިއެވެ.
ރިޝްމާ ކުޅުން ހުއްޓާލިކަން އިއުލާންކުރީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ނިމިގެންދިޔަ ސުޕަ ކަޕް 2024 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހުއެވެ. ރިޝްމާ ވަނީ އެ މުބާރާތުގައި ކުއީންސް ބާސްކެޓްބޯލް ކުލަބާއެކު ރިހި މެޑެލް ހޯދުމުގެ އިތުރުން، ފައިނަލް މެޗުގެ މޮޅު ކުޅުންތރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
2002 ވަނަ އަހަރު ބާސްކެޓްބޯޅަ ކުޅެން ފެށި ރިޝްމާ ވަނީ ރާއްޖޭގައި ބާއްވާ ބާސްކެޓްބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އަދި އޭނާގެ ކެޕްޓަން ކަމުގެ ދަށުން ގައުމީ އަންހެން ޓީމުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.
2022 ވަނަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި ރިޝްމާ ވަނީ ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން 2017 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.
ބާސްކެޓުގެ އިތުރުން ރިޝްމާ ވަނީ ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ފުޓްސަލުގައިވެސް ކާމިޔާބީ ހޯދާފާއެވެ. މީގެ އިތުރުން ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ބާސްކެޓްބޯޅައިގެ ކޯޗިން ލައިންސަން ހާސިލްކޮށް އޭނާ އަންނަނީ ކުޅުންތެރިން ތަމްރީނުވެސް ކުރަމުންނެވެ.