މި ސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދަމުންދާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވީ ނަމަވެސް، މި ހަފުތާގައި ކުޅޭ މެޗުތަކުގައި އޭނާ ޓީމާއެކު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ހަފްތާގައި ޓޮޓްންހަން ހޮޓްސްޕަރ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވުމާއެކު ކޯޗް ޓެންހާގަށް ފާޑު ކިއުންވަނީ އިތުރު ވެފައެވެ.
ލީގުގައި މިހާތަނަށް މެންޗެސްޓަރ ޔުނައިޓެޑް ހަ މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ 7 ޕޮއިންޓާއެކުގެ ތާވަލުގެ ބާރަވަނަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މެނެޗެސްޓަރ ޔުނައިޓެޑްއިން އެ ކްލަބުގެ ކޯޗު ވަކި ކުރުމަށް ނުވަތަ ބަދަލުކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ޓީމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ޓެންހާގްގެ އިރުޝާދުގެ ދަށުންނެވެ.
ޓޮޓްންހަމް އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓެންހާގް ބުނެފައިވަނީ މަގާމު ގެއްލިދާނެތީ އެކަމާއިމެދު ނުވިސްނާ ކަމަށާއި ކްލަބުގެ އިސްވެރިންނާއިއެކު އޭނާ މަސައްކަތް ކުރަމުންދަނީ ގުޅިގެން ކަމަށެވެ.
ޔޫރޮޕާ ލީގުގައި މި ހަފްތާގައި ރަށުން ބޭރުގައި ޕޯޗުގަލްގެ ޕޯޓޯ އާއި ދެކޮޅަށް ކުޅުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑް ޕްރިމިއާ ލީގުގައި ނިކުންނާނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ.
މި ސީޒަނުގައި މިހާތަނަށް މެންޗެސްޓަރ ޔުނައިޓެޑްއިން 9 މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. މި ސީޒަނުގައި ރަގަޅު ނަތީޖާއެއް މެންޗެސްޓަރ ޔުނައިޓެޑަށް ނެރެވިފައިނުވާއިރު އެ ޓީމުގެ ފަރާތުން ފެންނަ ކުޅުމަކީ އެ ކްލަބާއި އެކަށީގެންވާ ފެންވަރަށްވުރެ ދަށް ކުޅުމެއް ކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.