ޚަބަރު

މަރުވި ކުއްޖަކު ވަނީ މާރާމާރީގައި ބައިވެރިވެފައި- ޕޮލިސް


ހުކުރުދުވަހު ހިނގި ދެވަނަ މާރާމާރީގައި މަރުވި ކުއްޖާއަކީ އެދުވަހު ހިނގި ފުރަތަމަ މާރާމާރީގައި ބައިވެރިވި ކުއްޖެއްކަން މިހާތަނަށް ބެލިބެލުމުން ތަހްޤީޤަށް އެނގިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. 

މިދިޔަ ހުކުރުދުވަހު މާލޭގައި ހިނގި ނުރައްކާތެރި މާރާމާރީތަކެއްގައި ދެ ކުއްޖަކު މަރުވި މައްސަލައިގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އެދުވަހުގެ މާރާމާރީތަކާއި ގުޅިގެން 18 އަހަރުން ދަށުގެ 2 ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ސީސީޓީވީ ވީޑިއޯތަކުން މާރާމާރީގައި ބައިވެރިވި އިތުރު ފަރާތްތައް އެނގިފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާކަމަށެވެ. 

ފުލުހުން ވިދާޅުވީ ހުކުރުދުވަހުގެ މާރާމާރީ ހިނގަން މެދުވެރިވީ މާލޭގެ 2 ގުރޫޕެއްގެ މެދުގައި އުފެދުނު ދެބަސްވުމަކަށްފަހުކަން ތަހްޤީޤަށް އެނގިފައިވާކަމަށެވެ. ނަމަވެސް ދެބަސްވުން އުފެދުނީ ސީދާ ކޮން ސަބަބަކާހުރެކަމެއް ނޭނގޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ހުކުރުދުވަހު މާލޭގައި ހިނގި ދެ މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 14 އަހަރުގެ 2 ކުއްޖަކުވަނީ މަރާލާފައެވެ. އަދި އިއްޔެވެސް މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.