ޚަބަރު

މިއަދަކީ 1437 ވަނަ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް


ހިޖުރީ ކަލަންޑަރަށް ޢަމަލުކުރަން ފެށިފަހުން މިހާތަނަށް މުސްލިމުން ކުރިމަތިލާ 1437 ވަނަ ރަމަޟާންމަހާ މިއަދު މުސްލިމުން ކުރިމަތިލައިފިއެވެ.

ރަމަޟާންމަހުގެ ދުވަސްތަކަކީ މުސްލިމުންގެ ދިރިއުޅުމުގެ ގިނަ ކަންކަމަށް ބޮޑެތި ބައްދަލުތަކެއް ގެންނަ އަދި މުސްލިމުންގެ އިޖްތިމާޢީ ގުޅުން ހަރުދަނާކުރުމާއި އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭ މަހެކެވެ.

ރަމަޟާން މަހަކީ މުސްލިމުންގެ މަތިވެރި ސިފަތަކާއި ހެޔޮ ޚުލްޤާއި އޯގާތެރިކަން ފެނުން އިތުރު މަހެކެވެ. އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިވުމާއި ޞަދަޤާތް ކުރުމުގައިވެސް އެހެން މައްސަރުތަކަށްވުރެ ބޮޑު ސަމާލުކަމެއް ދޭ މަހެކެވެ. ދުނިޔޭގެ މުސްލިމް ޤައުމުތަކާއި މުސްލިމުން މަދު ބައެއް ޤައުމުތަކުގެ މުސްލިމް މުޖުތަމަޢުތަކުގައިވެސް ރަމަޟާން މަހުގެ ދުވަސްތަކުގައި އިސްލާމީ ރިވެތި އާދަތައް ފެންނަ މިންވަރު އިތުރުވެގެންދެއެވެ.

img:http://s1.psmnews.mv/images/660x400/14651906886917.jpg|އިންޑޮނީޝިޔާގެ މިސްކިތެއްގައި ތަރާވީސް ނަމާދު ކުރަނީ- ފޮޓޯ: ޒިންހުއާ

ދިވެހި ރައްޔިތުންނަކީ އިސްލާމް ދީނުގެ އަލިކަން ލިބުނީއްސުރެ އެ ދީނުގެ މަތީގައި ދެމިތިބި ހިއްވަރުގަދަ އަދި ޢަޒުމް ވަރުގަދަ ބައެކެވެ. ޚާއްޞަކޮށް، ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކާއި ރޯދަމަހާ ގުޅިފައިވާ ޝަޤާފަތާއި އާދަކާދަތައް އަދިވެސް ދެމިއޮންނަކަން ފާހަގަކުރެވެއެވެ. އަދި ދިވެހިންގެ ފޯރުންތެރިކަމާއި ތަނަވަސްކަން އިތުރުވުމާއި ދީނީ މަޢުލޫމާތު ލިބުން އިތުރުވުމާއި އެހެން ޤައުމުތަކުގެ މުސްލިމް މުޖުތަމަޢުތަކުގައި ހުރި ރަނގަޅު ސިފަތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބޭ ދިވެހިން އިތުރުވުމާއެކު، ދިވެހިންގެ ކިބައިގައި މުސްލިމް މުޖުތަމަޢުތަކުން ފެންނަންވީ ރިވެތި ސިފަތައް ފެނުން އިތުރުވާކަންވެސް ފާހަގަކުރެވެއެވެ. ހަމަ އެހެންމެ މި ބާވަތުގެ މަތިވެރި ސިފަތަކަށް ތަރުޙީބު ނުދޭ މީހުންވެސް ކޮންމެވެސް ވަރަކަށް އުޅުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު މުސްލިމް މުޖުތަމަޢަކުން ފެންނަ އެދެވިގެން ނުވާ ބައެއް ކަންކަންވެސް ދިވެހި މުޖުތަމަޢުން ފެންނަކަން ފާހަގަކުރަންޖެހެއެވެ.

img:http://s1.psmnews.mv/images/660x400/14651903328562.jpg|

މިއަދު މި ފެށުނު ރަމަޟާން މަހަށް ދިވެހި މުސްލިމް މުޖުތަމަޢު ތައްޔާރުވަމުން އައއިރު ހުކުރުނަމާދުގެ މިންބަރުތަކުގައި އިއްވުނު ޚުޠުބާގައި ވަނީ، ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިޤްބާލްކުރަން ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ. ހުސްވި ޝަޢުބާން މަހުގެ 13 ވީ ހުކުރު ދުވަހުގެ ޚުޠުބާގައި ބާރުއަޅުއްވާފައިވަނީ، ރަމަޟާންމަހުގެ އަޅުކަމަށް، ވަގުތު ދެވޭގޮތަށް މީހުންގެ އެކި ކަންކަމުގެ ވަގުތުތައް ހަމަޖެއްސުމަށެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފްކުރުން އޮތް ކަމެއް ނޫންކަމަށް ބަޔާންކުރައްވައި، މުސްލިމުންގެ ކިބައިން ފެނިގެން ނުވާނެ ބަހާއި ޢަމަލުތަކުން ދުރުހެލިވުމަށް އިމާމް ބާރުއެޅުއްވިއެވެ.

img:http://s2.psmnews.mv/images/660x400/14651901217601.jpg|ކުޑަކުދިންތަކެއް ޤުރުއާން ކިޔަވަނީ- ފޮޓޯ: ޒިންހުއާ

" ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތްކަމެއް ނޫންކަން ދަނެ، ޚާއްޞަކޮށް އެމަހުގައި އިސްރާފުކުރުމުން އެއްކިބާވާށެވެ. ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، އެމަސް ނިމުމުގެ ކުރިން ފިޠުރު ޒަކާތް ދައްކާށެވެ. ދީލަތިކަން އިތުރުކޮށް މަޑުމައިތިރި މީހަކަށް ވާށެވެ. ޒުވާބުކުރުންތަކާއި ހަޑިހުތުރު ބަސްތައް ބޭނުންކުރުމާ ދުރުހެލިވާށެވެ. ރަމަޟާން މަހުގައި ކެތްތެރިކަން އިތުރުކުރާށެވެ. މަލާމާތާއި ދޮގުހެދުމާއި ފުރައްސާރަކުރުމާ ދުރުހެލިވާށެވެ." އިމާމް އިލްތިމާސް ކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14650481571096.jpg|އާއިލީ މާހެފުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިމާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، ހުތުރުބަސްތަކުން އެއްކިބާވާ ބަޔަކަސް ވުމަށްވެސް ރައްޔިތުންނަށް އިމާމް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު މި ފެށި ރަމަޟާން މަހަކީ ކުރީގެ ބައެއް ރަމަޟާން މަސްތަކާ ޚިލާފަށް ދިވެހިންގެ ތެރޭގައި އިޖްތިމާޢީ އެއްބައިވަންތަކަން އިތުރުކުރުމަށް ޖަމާޢަތުގެ ފެންވަރުގައިވެސް އަދި ރައްޔިތުންނަށް ޚިދުމަތްދެއްވާ މުއައްސަސާތަކުގެ ފެންވަރުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުން އަންނަ ރަމަޟާން މަހެއްކަން ފާހަގަކުރެވެއެވެ.