ޚަބަރު

ޓިމޯ ލެސްޓޭ އަތުންވެސް ރާއްޖެ ބަލިވެއްޖެ


20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފަހު މެޗުން ކުޅުންތެރިއަކު މަދުކޮށް ކުޅެ، 4-1 ގެ ނަތީޖާއަކުން ޓިމޯ ލެސްޓޭ އަތުން ބަލިވެއްޖެއެވެ.

އަންނަ އަހަރު ޗައިނާގައި ބާއްވާ މުބާރާތުގެ ކޮލިފައިން ގްރޫޕް އެފްގައި ރާއްޖެ ހިމެނުނުއިރު، މި ގްރޫޕުގައި ދެން ހިމެނުނީ ކޮލިފައިން މެޗުތައް ކުރިއަށްދިޔަ ގައުމު ކަމަށްވާ އިންޑޮނޭޝިއާ އާއި، ޔަމަން އަދި ޓިމޯ ލެސްޓޭއެވެ.

މިއަދު ކުޅުނު މެޗުގައި ރާއްޖެއަށް މައްސަލަ ދިމާވީ 33 ވަނަ މިނެޓުގައި އަބްދުﷲ ފިޒާން އަބްދުލް ގަފޫރަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދައްކާފައިވަނީ ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެންނެވެ.

އޭގެ މާ ގިނައިރުތަކެއް ނުވެ، ޓިމޯ ލެސްޓޭއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ޓިމޯ ލެސްޓޭއަށް ލީޑު ނަގައިދިނީ އަލެކްސަންޑްރޯ ބަކީޓޯ ލެމޯސްއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން, ބަދަލަކަށް ކުޅެން އެރި ވަބިއޯ ކަނަވާރޯ ޕިރޭޒް ވަނީ ލަނޑެއް ޖަހައި، ޓިމޯ ލެސްޓޭގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޓިމޯ ލެސްޓޭއިން ޖެހި ތިންވަނަ ލަނޑަކީ ރާއްޖޭގެ މުޙައްމަދު އައިމަން އަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުޒްދާން ހަސަނެވެ. މި މެޗުގައި ޓިމޯ ލެސްޓޭއިން ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ފީގޯ ރިބޭރޯއެވެ.

މި މެޗުން ބަލިވުމާއެކު، ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ނިންމާލާފައިވަނީ ތިން ބައްޔާއެކުއެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޭޝިއަން ކަޕަށް ކޮލިފައިވެފައިވަނީ އިންޑޮނޭޝިއާއެވެ. އިންޑޮނޭޝިއާ އާއި ޔަމަން މިރޭ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެ ޓީމަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެކަމަކު ލަނޑުގެ ތަފާތުން އިންޑޮނޭޝިއާއަށް ވަނީ ކުރި ލިބިފައެވެ. މި ގްރޫޕުގެ ތިންވަނަ ލިބުނީ ރާއްޖެ ބަލިކޮށް، ތިން ޕޮއިންޓް ހޯދި ޓިމޯ ލެސްޓޭ އަށެވެ.