މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މަސްވެރިންނަށް ނުލިބި ހުރި ފައިސާ މިއަދު ޖަމާވަމުންދާނެކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން ވިދާޅުވީ މިދިޔަ މަހުގެ 24 އިން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް 17.3 މިލިއަން ރުފިޔާ ދޭންޖެހޭކަމަށެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވާނޭކަމަށް މިފްކޯއިން ވިދާޅުވެއެވެ.
ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މީގެކުރިން ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިން ކިރާ މަހަށް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންއަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްއެވެ. މިފްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.