މާލޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 250އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކަމާބެހޭ މުއައްސަސާތައް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން މިއަދު ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނަކީ ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހ ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ކަމާޢި ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެންނެވެ.
ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 639 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރަމުންދިޔަ 2 ތަނެެއް ވަނީ ބަންދުކޮށްފައެވެ.
ޓާސްކްފޯހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ތެރެއިން 1344 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ. އަދި ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން ގަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އަދި މަސައްކަތްކުރަމުންދިޔަ 254 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް މިއަދު ޓާސްކްފޯސްއިން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި.@HomeMinistrymv @PoliceMv pic.twitter.com/RJApbbw2EI
— Maldives Immigration (@ImmigrationMV) May 9, 2026
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 86.2 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އެއީ 219 މީހުންނެވެ. އަދި ބާކި ތިބި 13.8 އިންސައްތަ މީހުންނަކީ އަންހެންނުންނެވެ. އެއީ 35 މީހުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވީޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.