ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮންއަޅައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމަށް ފަހު, އެ ޤައުމުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ޔަހޫދީ ފައުޖުން އިތުރަށް ވަރުގަދަ ކޮށްފިއެވެ. ނަޞްރުالله ޝަހީދު ކޮށްލާފައި ވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ގިނަ ޢަދަދެއްގެ ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ސެޕްޓެންބަރު 28ވަނަ ދުވަހު ދިން ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކުގައި ކަމަށް ބެލެވެއެވެ.
ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,670އަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި 100އަށްވުރެ ގިނަ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, 6,000އަށްވުރެ ގިނަ މީހަކު ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި, މިލިޔަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިކޮށްލާފައެވެ.
އެ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44އަށް އުފުލިފައެވެ. އޭގެ ތެރެއިން 11 މީހަކު ޝަހީދު ކޮށްލާފައި ވަނީ އެ ޤައުމުގެ އިރުއުތުރު އަލް-ބިޤާޢު ވާދީގެ ޢަޔިން ކިޔާ އަވަށަކަށް ދިން ވައިގެ ޙަމަލަތަކުގައެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ނަބީލް ޤަވޫޤު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ނަޞްރުالله ޝަހީދު ކޮށްލާފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދިން ނަމަވެސް, އޭނާ ޝަހީދު ކޮށްލާފައި ވަނީ ކޮން ވަގުތަކު, ކޮން ޙަމަލާތަކެއްގައި ކަން އެ ޖަމާޢަތުން ސާފު ކޮށްދީފައެއް ނުވެއެވެ. އޭނާ ޝަހީދު ކޮށްލި ނަމަވެސް, ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ ޖިހާދު ހުއްޓައިނުލާނެ ކަމަށާއި, ޒަޔަނިސްޓު ދައުލަތުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނަށް ޙަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.
އެ އިންޒާރަށް ފަހު, ޙިޒްބުاللهން ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. ޔަހޫދީ ފައުޖުން ބުނީ, ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމަށް ޙިޒްބުاللهން އުދުއްސައިލި އަށް މިސައިލް ދިފާޢު ކޮށްފައިވާނެ ކަމުގައެވެ. މީގެ އިތުރުން, ރަތް ކަނޑުގެ ސަރަޙައްދުން އުދުއްސައިލި މިސައިލެއް ވެސް ދިފާޢުކޮށް, ވައްޓައިލާފައިވާނެ ކަމުގައެވެ.
ޙިޒްބުاللهއަކީ އީރާނުުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން, ޔަހޫދީންގެ ނުބައިކަމާ ދެކޮޅަށް 1982ވަނަ އަހަރު އުފައްދާފައިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ އެންމެ ބޮޑު މަދަދުގާރަކީ އީރާނެވެ. ނަޞްރުالله ޝަހީދު ކޮށްލަން ދިން ޙަމަލާތަކުގައި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ވެސް ޝަހީދު ކޮށްލާފައިވާ ކަމުގައި އީރާނުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުންދާ ސަރަޙައްދުތަކުގައި ދިރިއުޅޭ މިލިޔަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަން އދން ހާމަކުރިއެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާނެ ކަމުގައި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމް (ޑަބްލިޔުއެފްޕީ)ން ބުންޏެވެ. ޔަހޫދީންގެ ޙަމަލާތަކުން ރައްކާތެރިވުމަށް ގިނަ ޢަދަދެއްގެ ބަޔަކު ލުބްނާނާ އިންވެގެން އޮތް ސޫރިޔާއަށް ވެސް ހިޖުރަ ކޮށްފައިވެއެވެ. އެ ޢަދަދު 50,000އަށް އުފުލިފައިވާއިރު, އޭގެ ތެރޭގައި ގިނައީ ލުބްނާންގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީން ކަމަށް އދން ބުންޏެވެ.
ޔަހޫދީ ފައުޖުން ދީފާނެ ނިރުބަވެރި ޙަމަލާއެއްގެ ބިރު އޮތުމާ ގުޅިގެން, އީރާނުން ވެސް ވަނީ އެ ޤައުމުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައެވެ. އަދި, އޭނާ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ ސަލާމަތީ މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ. ނަޞްރުالله ޝަހީދު ކޮށްލުމުން ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ޚާމަންޢީ ވަނީ ދެއްވާފައެވެ. އަދި, ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް އީރާނުން ވަނީ ގޮވައިލާފައެވެ.