ޚަބަރު

ޓީ20 ޗެމްޕިއަންޝިޕް: މުބާރާތުގެ ޗެމްޕިއަންކަން އެމްއެސް އެކެޑަމީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް ޓީ20 ޗެމްޕިއަންޝިޕް 2024" ގެ ޗެމްޕިއަންކަން އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީން ހޯދައިފިއެވެ.

ލީގު އުސޫލުން ކުރިއަށްދިޔަ މި މުބާރާތުގައި ހަ ޓީމެއް ވަނީ ވާދަކޮށްފައެވެ. ޗެމްޕިއަންކަން ހޯދި އެމްއެސް އެކެޑަމީ އާއި ނިއު ސްޓާއަށް އަށް ޕޮއިންޓް ލިބުނުއިރު، އެމްއެސް އެކެޑަމީއަށް ކުރިލިބުނީ ނެޓް-ރަން-ރޭޓުންނެވެ. ތިންވަނައިގައި ނިންމި ފުވައްމުލަށް ކްރިކެޓް އެކެޑަމީއަށް ހަ ޕޮއިންޓް ލިބުނުއިރު، ހަތަރުވަނައަށް ދިޔަ ހިންނަވަރު ހިރިޔާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ފަސްވަނައިގައި އޮތް އައިޒީ އާއި ފުލުގައި އޮތް ކޮމެޓްސް ކްރިކެޓް ކުލަބަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެމްއެސް އެކެޑަމީން ވަނީ ހުކުރު ދުވަހު ކުޅުނު މެޗުގައި ހިންނަވަރު ހިރިޔާ އަތުން 39 ލަނޑުން މޮޅުވެފައެވެ. މި މެޗުގެ ގުރު ދިމާވުމުން ހިންނަވަރު ހިރިޔާއިން ނިންމީ ހޮވުމަށެވެ. އެއާއެކު އެމްއެސް އެކެޑަމީ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 157 ލަނޑު ހަދާފައެވެ. ޖަވާބުގައި ހިންނަވަރު ހިރިޔާ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 118 ލަނޑެވެ.

މި މެޗުން މޮޅުވެ އެމްއެސް އެކެޑަމީން އަށް ޕޮއިންޓް ހަމަކުރިއިރު، އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ނިއު ސްޓާއަށް އޮތެވެ. އެކަމަކު މުބާރާތުގެ ފަހު މެޗުން އެ ޓީމު ވަނީ ފުލުގައި އޮތް ކޮމެޓްސް އަތުން 36 ލަނޑުން ބަލިވެފައެވެ. މި މެޗުގެ ގުރު ދިމާވުމުން ނއިު ސްޓާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ކޮމެޓްސް އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 170 ލަނޑު ހަދާފައެވެ. ޖަވާބުގައި ނިއު ސްޓާ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 134 ލަނޑެވެ.

މި އަހަރުގެ ޓީ20 ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާއެކު އެމްއެސް އެކެޑަމީއަށް ވަނީ އަންނަ އަހަރުގެ ޓީ20 ޕްރިމިއަރ ލީގު ކުޅުމުގެ ފުރުސަތު ލިބިފައެވެ.