ޚަބަރު

ޙަސަން ނަޞްރުالله - އެތައް ދަހަރެއް ވަންދެން ޔަހޫދީންނާ ދެކޮޅަށް ޖިހާދު ކުރެއްވި ބަޠަލެއް


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދިން ނިރުބަވެރި ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަަޞްރުاللهއަކީ, މީގެ ދަހަރުތަކެއް ކުރިން ފެށިގެން ޔަހޫދީންނާ ދެކޮޅަށް ޙިޒްބުاللهން ކުރަމުންދާ ޖިހާދުގެ ހުންގާނުގައި ހުންނެވި އިސް މާލިމީއެވެ. ހަތިޔާރު އެޅި ޖަމާޢަތަކުން ފެށި ޖިހާދު, ޔަހޫދީން ޖެހިލުންވާ ފަދަ ބާރުގަދަ އަދި ނުރައްކާތެރި ލަޝްކަރަކަށް ބަދަލު ކޮށްލެއްވި ހިންގުންތެރި ވެރިޔާއެވެ.

ނަޞްރުالله ޝަހީދު ކޮށްލާފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައިވީ ނަމަވެސް, އޭނާ ޝަހީދުވީ ކިހިނެއް ކަން ސާފުކޮށްދީފައެއް ނެތެވެ. ޔަހޫދީ ފައުޖުން ބުނީ, އޭނާ ޝަހީދު ކޮށްލުމުގެ ޖައްބާރު ނިޔަތުގައި ލުބްނާންގެ ވެރިރަށް ބައިރޫތުގެ ޟާޙިޔާގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. ނަޞްރުالله ޝަހީދު ކޮށްލާފައި މި ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކެއްގެ ތެރެއިންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ އެކު, ނަޞްރުاللهއަކީ މެދުއިރުމަތީގެ މަސްރަޙުގައި ބާރާއި ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެނިގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން, ނަޞްރުاللهގެ ބާރުގެ ދަށުގައި އޮތް މުޖާހިދުންގެ ލަޝްކަރުން ވަނީ ޣައްޒާގެ މުސްލިމުންގެ ދިފާޢުގައި ތެދުވެފައެވެ. އަދި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ވާތްގަށް ލަޝްކަރު ރުކުރުވައިލާފައެވެ.

ޙިޒްބުاللهއަކީ އީރާނުުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން, ޔަހޫދީންގެ ނުބައިކަމާ ދެކޮޅަށް 1982ވަނަ އަހަރު އުފައްދާފައިވާ މުޖާހިދުންގެ ޖަމާޢަތެކެވެ. އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ނަޞްރުالله ހަވާލުވެ ވަޑައިގަތީ 1992ވަނަ އަހަރު, އޭނާގެ އުމުރުން 35 އަހަރުގައެވެ. ޙިޒްބުاللهގެ ވެރިޔާގެ މަޤާމާ ނަޞްރުالله ހަވާލުވެ ވަޑައިގަތީ, އެ މަޤާމުގައި ހުންނެވި އަލް-ސައްޔިދް ޢައްބާސް މުސަވީ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ލުބްނާންގެ ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން 18 އަހަރަށް ފަހު އެ ބިމުން ފައްސައިލާފައި ވަނީ ނަޞްރުاللهގެ ހިންގުންތެރި ވެރިކަމުގައެވެ. އެއީ, 2000ވަނަ އަހަރުއެވެ.

އެއަށް ފަހު, 2006ވަނަ އަހަރު ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖާ ދެމެދު ކުރި 34 ދުވަހުގެ ހަނގުރާމައިގައި ވެސް, ޙިޒްބުاللهއަށް ކާމިޔާބީ ހޯއްދަވައިދެއްވީ ނަޞްރުاللهގެ ޙިކުމަތްތެރި ކަމުގެ ދަށުންނެވެ. އެއާއެކު, ޢަރަބި ދުނިޔޭގެ ލޯތައް އޭނާއަށް ހުއްޓުނެވެ. އަދި, ޢަރަބި ޤައުމުތަކުގެ އިޙުތިރާމާއި ލޯބި އޭނާއަށް ލިބިގެންދިޔައެވެ. ހަނގުރާމައެއްގައި ޔަހޫދީ ފައުޖު ފަހަތަށް ޖެއްސެވި ފުރަތަމަ ލީޑަރުގެ މަޤާމާއި ޝަރަފު އޭނާއަށް ލިބިވަޑައިގެންނެވިއެވެ.

ނަޞްރުاللهގެ ވެރިކަމުގައި ޙިޒްބުاللهގެ ބާރާއި ނުފޫޒު ސަރަޙައްދީ ޤައުމުތަކަށް ވެސް ފޯރުވާފައިވެއެވެ. މި ގޮތުން, ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އޭނާގެ ލަޝްކަރުން ވަނީ ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛް އަލް-އަސަދުގެ ސަރުކާރަށް ވާގިވެރިވެ, އަސަދުގެ ސަރުކާރާ ދެކޮޅަށް ނިކުތް ޖަމާޢަތްތަކާ ދެކޮޅަށް ހަނގުރާމަ ކޮށްފައެވެ. ނަޞްރުاللهގެ ވެރިކަމުގައި އެމެރިކާއިން ވާގިވެރިވާ ޢަރަބި ޤައުމުތަކާއި ލުބްނާނާ ދެމެދު ދެބަސްވުންތައް އުފެދުނު މަންޒަރު ފެނިގެން ދިޔައެވެ. 2019ވަނަ އަހަރު ލުބްނާނަށް އިޤުތިޞާދީ ކާރިސާއަކާ ކުރިމަތިވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި, ބައެއް ޢަރަބި ޤައުމުތަކާ އެކު އޮތް ގުޅުން ހީނަރުވުން ހިމެނޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

2006ވަނަ އަހަރުގެ ހަނގުރާމައަށް ފަހު, ނަޞްރުالله ވަނީ ޙިޒްބުاللهއަކީ އަސްކަރީ ގޮތުން ބާރުގަދަ އަދި ޤާބިލު ލަޝްކަރަކަށް ހައްދަވަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ގޮތުން, ޒަމާނީ ހަތިޔާރުތައް އުފެއްދުމާއި ޖަމާ ކުރުމަށް އޭގެ ފަހުން އޭނާ އަހަންމިއްޔަތުކަން ދެއްވާފައިވެއެވެ. އަދި, ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުން ދިފާޢުވުމަށް, ޙިޒްބުاللهއަކީ ހުށިޔާރު އަދި ފާރަވެރި ލަޝްކަރަކަށް ބަދަލު ކުރައްވަން ވެސް އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ.

ނަޞްރުالله ޅަ އުމުރުގައި ދިރިއުޅުއްވާފައި ވަނީ ބައިރޫތުގެ އަލް-ކަރަންތީނާ ޑިސްޓްރިކްޓުގައެވެ. އޭނާއަކީ, ލުބްނާންގެ މެދުތެރޭގައި އޮތް ޝީޢީން ދިރިއުޅޭ އަލް-ބަޛޫރިއްޔާގެ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ސިޔާސަތުތަކާއި, ސިޔާސީ ފިކުރު ގުޅިފައި ވަނީ 1979ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންޤިލާބާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ނަޞްރުاللهއަކީ ދޫފަރިތަ, އަދި މީހުންގެ ހިތްދަމައިގަންނަ ފަދަ ތަޤުރީރުތަކެއް ދެއްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ތާޢީދު ކުރާ މީހުންގެ އިތުރުން އޭނާގެ ދުޝްމަނުން ވެސް އޭނާގެ ތަޤުރީރުތަކަށް ޝައުޤުވެރިވެއެވެ. 2020ވަނަ އަހަރު ނަޞްރުاللهވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއަށް ވެސް ހޫނު އިންޒާރުތަކެއް ދެއްވާފައެވެ. އެމެރިކާއިން ދިން ނިރުބަވެރި ޙަމަލާއެއްގައި އީރާނުގެ އައިއާރްޖީސީގެ ކޮމާންޑަރު ޤާސިމް ސުލަޔިމާނީ ޝަހީދު ކޮށްލުމުން އެމެރިކާއަށް އިންޒާރު ދެއްވަމުން ނަޞްރުالله ވިދާޅުވީ, އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާ ކޮންމެ ސިފައިންގެ މީހަކު އެނބުރި ދާން ޖެހޭނީ ސަންދޯކެއްގައި ކަމުގައެވެ.

އެމެރިކާއާއި ޔަހޫދީންގެ އިތުރުން, ބައެއް ޢަރަބި ޤައުމުތަކަށް ވެސް ނަޞްރުالله މީގެ ކުރިން އިންޒާރުތައް ދެއްވާފައިވެއެވެ. ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސަޢޫދީ ޢަރަބިއްޔާއިން ތަދައްޚުލްވުމުން ނަޞްރުالله ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކުރައްވާފައެވެ. އަދި, 2019ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ވަޅުތަކަށް އަމާޒުކޮށް ދިން ޙަމަލާއަކާ ގުޅިގެން އޭނާ ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ވެސް އިންޒާރު ދެއްވާފައެވެ.

2008ވަނަ އަހަރު ޙިޒްބުاللهއާއި ލުބްނާންގެ ސަރުކާރާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެން އެ ޤައުމުގައި ވެސް ދާޚިލީ ހަނގުރާމައެއް ފެށުނެވެ. ހަތަރު ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި, ޙިޒްބުاللهން ވަނީ ބައިރޫތުގެ ދެބައިކުޅަ އެއްބައި ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. ލުބްނާންގެ ކުރީގެ ބޮޑުވަޒީރު ރަފީޤު އަލް-ޙަރީރީ އަވަހާރަ ކޮށްލުމުގެ ފަހަތުގައި އޮތީ ޙިޒްބުالله ކަމަށް އދން ތުހުމަތު ކުރި ނަމަވެސް, ނަޞްރުالله ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އިސްލާމީ އުންމަތުން ނަޞްރުاللهގެ ހަނދާންތައް އައު ކުރާނީ ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއާ ދެކޮޅަށް ތެދުވެ, މަތިވެރި ޖިހާދެއް ކުރެއްވި މުޖާހިދެއްގެ ގޮތުގައެވެ. އަދި, އެ ޖިހާދުގައި ދުނިޔެ ދޫކުރެއްވި ޝަހީދެއްގެ ގޮތުގައެވެ. ހަމަ މި މޭރުމުން, ޔަހޫދީންނާއި ނަޞްރުاللهގެ ދުޝްމަނުން އޭނާގެ ހަނދާން އައު ކުރާނީ, އެ މީހުންނާ ދެކޮޅަށް ހަތިޔާރު އުފުލައި, ޖެހިލުމެއް, ފަސްޖެހުމެއް ނެތި ހަނގުރާމަ ކުރުމުގައި ދެމިހުންނެވި ލީޑަރެއްގެ ގޮތުގައެވެ.