ޚަބަރު

ހުކުރު ދުވަހުގެރޭ ހައްޔަރުކުރި 19 މީހުން ދޫކޮށްލައިފި


ހުކުރުދުވަހުގެ ރޭ ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 19 މީހުން ދޫކޮށްލައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހުކުރުދުވަހުގެރޭ 3 ގެއެއް ބަލައި ފާސްކޮށް، ހައްޔަރުކުރި 19 މީހުން ވެސް މިހާރު ދޫކޮށްލާފައިވާކަމަށެވެ. އެމީހުން ދޫކޮށްލާފައިވަނީ އެކަށީގެންވާ ހެކިނެތުމުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

ފާއިތުވި ދެދުވަހު މާލޭގައި ހިނގި މާރާމާރީތަކާ ގުޅިގެން މާލެތެރޭގެ އަމަން ބެލެހެއްޓުމަށް ފުލުހުންގެންދަވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަވަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން އިއްޔެވެސް ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ. މި ހަތް މީހުން އަދިވެސް ތިބީ ފުލުހުންގެ ބެއްލެވުމުގެ ދަށުގައެވެ. ފުލުހުން ކުރިއަށްގެންދަވާ ޚާއްޞަ އޮޕަރޭޝަންގައި ރޭ ވަނީ ފުލުހުންގެ ޑޯގް ސްކޮޑް ނުވަތަ ފާރަ ގެމަ ބޭނުންކުރަން ފަށާފައެވެ.

ހުކުރުދުވަހުގެ ހަވީރުން ފެށިގެން މާލޭގައި ހިނގި މާރާމާރީ ތަކުގައި 14 އަހަރުގެ 2 ކުއްޖަކު މަރާލާފައިވާއިރު 24 އަހަރުގެ ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ. އެހެން ނަމަވެސް މި މާރާމާރީތަކާ ސީދާ ގުޅުން ހުރި ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިމައްސަލައިގެ ތަޙްޤީޤް ވަރަށް ފުޅާދާއިރާއެއްގައި ކުރައްވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މާލެތެރޭގެ އަމަން ބެލެހެއްޓުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންދާއިރު، ސިފައިން ވެސް މާލޭގެ މަގުތަކުގައި ރޭގަނޑު ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.