ޚަބަރު

ބާކޯލާގެ ދެ ލަނޑާއެކު ޕީއެސްޖީން ރިކޯޑު ދަމަހައްޓައިފި


ފްރެންޗް ލީގުގައި ރޭ ބްރެޑްލީ ބާކޯލާ ޖެހި ދެ ލަނޑާއެކު އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ރެނޭސް ބަލިކޮށް، ލީގުގައި ޕީއެސްޖީން ބަލިނުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގައި މިހާތަނަށް އެންމެ މެޗަކުން ވެސް ބަލިވެފައިނުވާ ޕީއެސްޖީން ވަނީ ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފައެވެ. އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗަށްފަހު ތާވަލްގެ އެއްވަނައިގައި އުޅޭ ޕީއެސްޖީ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެއްމެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް ވާދަވެރި އޮލިމްޕިކް މާސޭ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ތިނެއްގައި މޮނާކޯ އޮތްއިރު، ހަތަރުވަނައިގައި އޮތް ލެންސް އަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑްނެގީ އޮސްމާނޭ ޑެމްބެލޭ ދިން ޕާހަކުން ބާކޯލާ އެވެ. މިއީ ލީގުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.

ޕީއެސްޖީން މި ލަނޑުޖެހުމުގެ ކުރީން، ތިންވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، މާކީނޯސް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ އެ ބޯޅަ މާކީނޯސް އަށް ލިބުމުގެކުރީން އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި، ޕީއެސްޖީގެ ދެވަނަ ލަނޑުޖަހައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް، ކަންގް-އިން ލީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އެ ޓީމުގެ ބާކޯލާ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު ދެވަނަ ފަހަރަށް ލީ އަށް ލިބުމުން ހުސްގޯލްގެތެރެއަށް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ޕީއެސްޖީގެ މޮރޮކޯ ފުލްބެކް، އަޝްރަފް ހަކީމީ ނަގައިދިން ހުރަހެއްގެ އެހީގައި ބާކޯލާ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ. މިއާއެކު، ލީގުގެ ލަނޑުލިސްޓުގައި އެންމެ ކުރީގައި އުޅެނީ ވެސް ބާކޯލާ އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ރެނޭސް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ސުން ކަނޑުވާލައިދިނީ ކުރީން ޕީއެސްޖީ އަށް ކުޅުނު ޒުވާން ފޯވާޑް، އަނައުޑް ކަލިމުއެންޑޯ-މުއިންގާ އެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ރެނޭސް އިން އިތުރު ގޯލެއްޖެހި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލުނުކުރުމުން އެ ޓީމުން މެޗަށް އެނބުރިއަންނަން ކުރި މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މި މެޗުން ބަލިވި ރެނޭސް އަށް މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އޮތީ ތާވަލްގެ 8 ވަނައިގައެވެ. އެ ޓީމަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މޮނާކޯއާ ބައްދަލުކުރާ މެޗެވެ.

ޕީއެސްޖީ ދެން ކުޅެން ޖެހޭ މެޗުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި އޮކްޓޫބަރު މަހުގެ 2 ވާ ބުދަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އެއަށްފަހު، ލީގުގައި އެ ޓީމަށް ދެން އޮތީ އަންނަ ހަފްތާގެ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނީސްއާ ދެކޮޅަށް ކުޅޭ މެޗެވެ.