ޚަބަރު

ބޮޑު ތަފާތަކުން އޮސްޓްރޭލިއާ ބަލިކޮށް އިންގްލަންޑުން ސީރީޒް އެއްވަރުކޮށްފި


އިންގްލަންޑުގައި މިހާރު ކުޅެމުންދާ އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓް ސީރީޒްގެ ހަތަރުވަނަ މެޗުން 186 ލަނޑުގެ ތަފާތަކުން އޮސްޓްރޭލިއާ ބަލިކޮށް، އެ ޓީމުން ސީރީޒް 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފިއެވެ.

މި ސީރީޒްގެ ފުރަތަމަ ދެ މެޗުން އޮސްޓްރޭލިއާ މޮޅުވިއިރު، ދެން ކުޅެވުނު ދެ މެޗު ކާމިޔާބުކޮށްފައިވަނީ އިންގްލެންޑުންނެވެ.

ލޯޑްސްގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ވިއްސާރައިގެ ސަބަބުން ކޮންމެ އިނިންގްސްއެއް 39 އޯވަރަށް ކުރުކޮށްލި މި މެޗުގައި އެންމެ ފުރަތަމަ ކުޅެންއަރައި، އިންގްލެންޑުން ވަނީ ފަސް ވިކެޓަށް 312 ލަނޑުހަދައިފައެވެ.

އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ހެރީ ބްރޫކް އެވެ. ބްރޫކް ވަނީ 58 ބޯޅައިން 87 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ލިއާމް ލިވިންގސްޓޯން ނުބައިނުވެ 27 ބޯޅައިން 62 ލަނޑުހެދިއެވެ. މީގެއިތުރުން، އެ ޓީމުގެ ބެން ޑަކެޓް ވެސް 63 ލަނޑުހެދިއެވެ. އޮސްޓްރޭލިއާ އިން އެންމެ ގިނަ ވިކެޓްނެގި އެޑަމް ޒަމްޕާ އެވެ. އޭނާ ދެ ވިކެޓްނެގިއިރު، ޖޯޝް ހޭޒަލްވުޑް އާއި އެ ޓީމުގެ ކެޕްޓަން، މިޗޭލް މާޝް އަދި ގްލެން މެކްސްވެލް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.

ޖަވާބުގައި ކުޅެން އަރައި، 24.4 އޯވަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 126 ލަނޑަށެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާ އިން ރަނގަޅަށް ފެށި ނަމަވެސް، ހަތަރު އޯވަރުގެ ތެރޭގައި ތިން ވިކެޓް ގެއްލި، ކަނޑައެޅިފައިވާ ޓާގެޓަށް ވާސިލްނުވެވުނެވެ.

އޮސްޓްރޭލިއާ އިން ކިރިޔާވެސް ހިތްވަރެއް ކުރެވުނީ ކެޕްޓަން، މިޗޭލް މާޝް އާއި ޓްރޭވިސް ހެޑް އެވެ. މާޝް ވަނީ 28 ލަނޑުހަދައިފައެވެ. ޓްރޭވިސް ހެޑް ނުބައިވީ 34 ލަނޑަށެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި ތަޖުރިބާކާރު ބެޓްސްމަން، ސްޓީވެން ސްމިތު ނުބައިވީ އެންމެ ފަސް ލަނޑަށެވެ.

އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ މެތިއު ޕޮޓްސް ވަނީ ހަތަރު ވިކެޓްނަގައިފައެވެ. ދެން އެންމެ ރަނގަޅަށް އުކީ ބްރައިޑަން ކާސް ތިން ވިކެޓްނެގިއިރު، ޖޮފްރާ އާޗާ ދެ ވިކެޓްނެގިއެވެ. އިންގްލެންޑްގެ އަނެއް ވިކެޓްނެގީ އަދީލް ރާޝިދު އެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފަސްވަނަ މެޗު ކުޅޭނީ މާދަމާ މެންދުރު 3 ޖަހާއިރު އެވެ.