ޚަބަރު

ފަލަސްތީނުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޮނަތަން މާޒިޔާއަށް


ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަލަސްތީނުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޮނަތަން ކެންޓިލާނާގެ ސޮއި ހޯދައިފިއެވެ.

ޗިލީއަށް އުފަން ޖޮނަތަން ވަނީ ފަލަސްތީނާއި, މެލޭޝިއާ އާއި، މިސްރު އަދި އިންޑޮނޭޝިއާގެ ކުލަބުތަކަށް ކުޅެފައެވެ. އަދި އޭނާ އަކީ 2015 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.

ޖޮނަތަންގެ ސޮއި މާޒިޔާއިން ހޯދިއިރު، މީގެ ކުރިން އެ ކުލަބުން ވަނީ ބިދޭސީ ފަސް ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ ބްރެޒިލްގެ ފޯވާޑް ހޯސޭ ވިލްކްސަން އާއި، މޮންޓެނީގްރޯގެ ގޯލްކީޕަރު ނޭމަންޖާ ލެމަޖިޗް އާއި، އޮސްޓްރޭލިއާގެ އާރޯން އީވަންސް އާއި، އެ ގައުމުގެ ނިކޮލަސް އޮލްސެން އަދި ކްރޮއޭޝިއާގެ މާރިއޯ ޒެބިޗެވެ.

އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނައިރު، އެ ޓީމުން ވަނީ އައު ކޯޗުގެ މަގާމަށް ސާބިއާއަށް ނިސްބަތްވާ ޑްރަގަން ޑުކަނޯވިޗް ހަަމަޖައްސާފައެވެ. އަދި ޗެލެންޖް ލީގަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން މީގެ ކުރިން ވަނީ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމް އާއި އުމުރުން 15 އަހަރުގެ އުއްމީދީ ތަރި މުޙައްމަދު އިލާން އިމްރާންގެ ސޮއިވެސް ހޯދާފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޗެލެންޖް ލީގު ބާއްވާއިރު، އެ ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކުލަބާއި، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާއެވެ. ސެންޓްރަލައިޒްކޮށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުވެއިތުގައެވެ.