20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށް، ޔަމަނުން ދެވަނަ މޮޅު ހާސިލުކޮށްފިއެވެ.
އަންނަ އަހަރު ޗައިނާގައި ބާއްވާ މުބާރާތުގެ ކޮލިފައިން ގްރޫޕް އެފްގައި ރާއްޖެ ހިމެނޭއިރު، މި ގްރޫޕުގައި ހިމެނެނީ ކޮލިފައިން މެޗުތައް ކުރިއަށްދާ ގައުމު ކަމަށްވާ އިންޑޮނޭޝިއާ އާއި، ޔަމަން އަދި ޓިމޯ ލެސްޓޭއެވެ. ޔަމަނުން ވަނީ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ރާއްޖެ ވަނީ ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން އިންޑޮނޭޝިއާ އަތުން ބަލިވެފައެވެ.
މިއަދު ކުޅުނު މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ޔަމަނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދިލް އައްބާސް ގާސިމެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ޔަމަނުން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ އަންވަރު ހުސެއިން އަލް ތުރައިގީއެވެ. މި މެޗުގައި ޔަމަނުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި މުޙައްމަދު އިސާމް އަލް އަވާމީއެވެ.
ކޮލިފައިން މެޗުތައް ކުރިއަށްދާ ގައުމު ކަމަށްވާ އިންޑޮނޭޝިއާއިން ވަނީ ދެވަނަ މެޗުގައި މިރޭ ޓިމޯ ލެސްޓޭ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އެފްގެ ކުރީގައި އޮތް އިންޑޮނޭޝިއާ އާއި ޔަމަނުން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ރާއްޖެ އާއި ޓިމޯ ލެސްޓޭއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ރާއްޖެ ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.