ޚަބަރު

ޔަހޫދީންގެ ބޮޑުވަޒީރު ތަޤްރީރުކުރަން ފެށުމުން އދގެ މައި ހޯލުން ރާއްޖޭގެ ވަފްދު ނުކުމެއްޖެ


  • ރާއްޖެއިން ދަނީ ފަލަސްތީނުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން

އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައި ތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެއްޖެއެވެ.

ސަރުކާރުން ވިދާޅުވީ ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.