ޚަބަރު

ޑިސެމްބަރުމަހު އައު ޓަރމިނަލް ހުޅުވާނެ، ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވަޒީރު ފައިސަލް


  • ފަތުރުވެރިކަމަށް އައު ޓަރމިނަލް އޮޕަރޭޝަނަށް އައުން މުހިއްމުކަމަށް ވިދާޅުވި

  • ފަތުރުވެރިން އަންނަ އަދަދު އިތުރުވެގެންދާނެކަން ފާހަގަކުރެއްވި

  • މަރކެޓިން ހަރަކާތްތައް ވަރުގަދަކުރާނެކަމަށް ވިދާޅުވި

އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުންކުރަން ފެށޭނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލަކީ، އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނެންޓެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް އޮޕަރޭޝަނަށް އައުންކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އުއްމީދުކުރަނީ ޑިސެމްބަރުމަހުތެރޭގައި އައު ޓަރމިނަލް ހުޅުވާލެވޭނެ ކަމަށް އުއްމީދުކުރަނީ، އަދި މުޅި އެއަރޕޯޓު ފުލީ ފަންކްޝަން ކުރަން ފެށެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނޫނީ ދެވަނަ ކުއާޓަރުގައި ފެށިގެންދާނެ،" ފައިސަލް ވިދާޅުވިއެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78 ހާސް އަކަ މީޓަރުގެ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

ވަޒީރު ވިދާޅުވީ އައު ޓަރމިނަލް އޮޕަރޭޝަނަށް އަންނަ އިރު، ރާއްޖެއަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުން މުހިއްމު ކަމަށެވެ. އެހެންކަމުން މަރކެޓިންގެ ހަރަކާތްތައްވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައު ޓަރމިނަލް ހުޅުވިގެންދާއިރު، ފުރިހަމަ އެޑްވާންޓޭޖް ނަގާ، މަރކެޓިން ހަރަކާތްތައް އިތުރުކޮށް، އޮކިއުޕެންސީ އިތުރުކޮށް، ފަތުރުވެރިވެރިން ކުރާ ޚަރަދުތައް އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ،" ވަޒީރު ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ފަތުރުވެރިކަމުން ދައުލަތަށް ލިބެނީ 4.5 ބިލިޔަން ޑޮލަރު ކަމަށެވެ. އަދި އަމާޒަކީ 2027 ވަނަ އަހަރު އަންނަންވާއިރަށް މި އަދަދު 6 ބިލިޔަން ޑޮލަރަށް އިތުރުކުރުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އައު ޓަރމިނަލް ހުޅުވުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވިގެންދާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓާރމިނަލްގައި ހުންނާނެއެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.