ޚަބަރު

ޓެކްނިކަލް މުވައްޒަފެއް ހާޒިރުގައި މަގު ކޮނުމުގެ މަސައްކަތްކުރުމަށް ފެނަކައިން އިލްތިމާސްކޮށްފި


  • މަގު ކޮނުމުގެ ތެރޭގައި ނުވަތަ ތޮރުފުމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮވޭ

  • ގެއްލުމުގެ ބަދަލު ހޯދާނެ

މަގު ކޮނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުގެ ޓެކްނިކަލް މުވައްޒަފެއްގެ ހާޒިރުގައި ނޫނީ ނުކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެ ކުންފުނިން މިގޮތަށް އެދިފައިވަނީ ބައެއް ފަރާތްތަކުން މަގު ކޮނުމުގެ ތެރޭގައި ކޭބަލްތަކަށް ގެއްލުންވެ، ފެނަކައިގެ ޚިދުމަތްތަކަށް ބުރޫއަރާތީއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ވިދާޅުވީ އެކި މަސައްކަތްތަކަށް މަގުތަކާއި އާންމު ސަރަހައްދުތައް ކޮނުމުގެ ތެރޭގައި ބިމުގައި ވަޅުލާފައި ހުންނަ ކޭބަލްތަކަށް ގެއްލުންވެ، ޒަރޫރީ ޚިދުމަތްތަކަށް ބުރޫއެރުން އިތުރުވެފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާކަން އެނގެނީ ޚިދުމަތް ހުއްޓި، ރައްޔިތުންގެ ޝަކުވާ ލިބެން ފެށުމުން ކަމަށާއި އަދި މައްސަލަ ދިމާވި ސީދާ ތަނެއް ނޭނގި ޚިދުމަތް ދިނުމުގައި ލަސްވާކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

ފެނަކައިން ވިދާޅުވީ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ރަށްތަކުގެ އެކި ހިސާބުތަކުގައި ކޭބަލްތައް ވަޅުލާފައި ހުންނައިރު އެ ކޭބަލްތައް ހުންނަނީ ރާއްޖޭގެ ގުދުރަތީ ހާލަތަށް ރިއާޔަތްކޮށް ބިމުގެ ތިލަ ހިސާބެއްގައި ކަމަށެވެ. އެހެންވެ މަގު ކޮނުމުގެ ތެރޭގައި ނުވަތަ ތޮރުފުމުގެ ތެރޭގައި އެ ކޭބަލްތަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮންނަ ކަމަށާއި އެފަދަ ކަންކަން މަދުކުރުމަށް އުސޫލުތަކެއް ގާއިމުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިފަދަ ހާދިސާތައް މަދުކުރުމަށް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވެސް މަގު ކޮނުމުގައި ނުވަތަ ތޮރުފުމުގެ މަސައްކަތް ކުރަންވާނީ އެ ރަށެއްގެ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފެއްގެ ހާޒިރުގައިކަމަށް ފެނަކައިގެ ބަޔާނުގައި ވިދާޅުވިއެވެ. އަދި މަގުތަކާއި އާންމު ތަންތަނަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި އޮންނަ ތަންތަނަށްވާއިރު ކައުންސިލްތަކުގެ އެއްބާރުލުންވެސް އެކަމުގައި ބޭނުންވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ކުންފުނީގެ ޒިންމާއެއްކަން ފާހަގަކޮށް ފެނަކައިން ވިދާޅުވީ އެ ކުންފުނިން ގާއިމުކޮށްފައިވާ އުސޫލުތަކުގެ ބޭރުން ކުރާ މަސައްކަތެއްގެ ތެރޭގައި ލިބޭ ގެއްލުމުގެ ބަދަލު ޤާނޫނީ އިމުގެ ތެރެއިން ހޯދާނެ ކަމަށެވެ.