ޚަބަރު

އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމުގެ ފުރުސަތު ހުޅުވާލައިފި


  • ދަފްތަރުވުމަށް ހުޅުވާލީ ބީސީސީން

  • ދަފްތަރުވެވޭނީ އެކަމަށް ޚާއްސަ ޕޯޓަލްއަކުން

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލައިފިއެވެ. އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލާފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންނެވެ.

ބީސީސީން ބުނީ މިއީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެ ކުދި ވިޔަފާރިއާއި، ކުދި ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލެވޭ ދަފްތަރެއްކަމަށެވެ. އަދިި އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގައި ޢަމަލުކުރާނެ އުޞޫލެއް ބީސީސީން ވަނީ ކަނޑައަޅާފައެވެ.

ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަޠު 27 ސެޕްޓެމްބަރއިން ފެށިގެން އެކަމަށް ޚާއްޞަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. މި ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް www.bcc.mv އިން ފެންނަން ހުންނާނެއެވެ. ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ދަފްތަރާއި ގުޅޭގޮތުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިޙް އާދަމް ވިދާޅުވީ، ވިޔަފާރީގެ ހަރަކާތްތަކުގައި ހަރަކާތްތެރިވާ އެހެންނަމަވެސް ވިޔަފާރި ރަޖިސްޓްރީކުރަން ލާޒިމްނުވާ ފަރާތްތަކެއް އެބަތިބިކަމަށެވެ. މި ފަރާތްތައް ހިމެނެނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ނުވަތަ ސެލްފް އެންޕްލޯއިޑް މީހުންގެ ގޮތުގައިކަމަށެވެ. އެހެންކަމުން މި ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ މިފަދަ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުން ކަމަށެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ޒިންމާ ހަވާލުވެފައި ހުރި ކުންފުނީގެ ހައިސިއްޔަތުން އަޅުގަނޑުމެން މި ދަފްތަރު އެކުލަވާލި އެންމެ ބޮޑު މަޤްސަދަކީ މިދެންނެވި ގޮތައް އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުން." ސާމިޙް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި، ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރައްވާ ފަރާތްތައް މި ދަފްތަރުގައި ރަޖިސްޓަރީ ވުމަކީ އެފަރާތްތަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށްގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެއްކަމުން، އެފަދަ ހުރިހާ ފަރާތްތަކެއްވެސް މި ފުރުޞަޠުގެ ބޭނުން ހިއްޕެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބީސީސީއިން ވަނީ ބުނެފައެވެ. މި ދަފްތަރު އެކުލަވާލައި، އަދާހަމަކޮށް މިކަމާބެހޭ އުޞޫލުގައި ބަޔާންކުރާ ކަންކަން ހިންގައި ތަންފީޒުކޮށް ބަލަހައްޓާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.