ޚަބަރު

ލުބްނާން ޢުދުވާން މެދުކަނޑައިލަން ނިރުބަވެރި ނަތަންޔާހޫ އިންކާރުކޮށްފި


ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތީ ގޮތުން މެދުކަނޑައިލަން އޭނާ އިންކާރު ކޮށްފިއެވެ. ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ނުރައްކާތެރި ޢުދުވާނެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ.

ސުލްޙައިގެ މަޝްވަރާތަކަށް ޖާގަ ދިނުމުގެ ގޮތުން 21 ދުވަހުގެ މުއްދަތަކަށް ޢުދުވާން މެދުކަނޑައިލަން ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ, ފަރަންސޭސިވިލާތް, އޮސްޓްރޭލިޔާ, ޤަޠަރު, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ސަޢޫދީ ޢަރަބިއްޔާ އަދި ވިލާތުގެ އިއްތިހާދު (އީޔޫ) ހިމެނެއެވެ. އެމެރިކާއިން އިސްވެ މި ކަމަށް ގޮވައިލާފައި ވަނީ މިހާރު ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ޖަލްސާގެ ހަވާސާގައި އެ ކަމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. ނަމަވެސް, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮވައިލުމަށް ހައްދުފަހަނަ އެޅި ނަތަންޔާހޫ ވަނީ އިންކާރު ކޮށްފައެވެ.

ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާގެ ދަށުން ދެމުންދާ ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 700އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި 92 މީހުން ޝަހީދުކޮށްލައި, އިތުރު 153 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ލުބްނާންގެ ވެރިރަށް ބައިރޫތުގެ ރަށްބޭރުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ދެ މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ މުޙައްމަދު ސުރޫރު ހިމެނެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެ ޙަމަލާގައި އިތުރު 15 މީހުން ޒަޚަމު ކޮށްލާފައިވާ ކަމަށާއި, އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުން ހިމެނޭ ކަމުގައެވެ.

މި ފަދަ ރަޙުމު ކުޑަ ޙަމަލާތައް މެދުކަނޑައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލަމުން ދިޔަ ނަމަވެސް, ޔަހޫދީ ފައުޖުން އަމަލު ކުރަމުން ދަނީ އެ ގޮވައިލުމާ ދިމާ އިދިކޮޅަށެވެ. ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ދަނީ އެތަކެއް ސަތޭކަ ހާސް ސިފައިންނާއި ބަރުހަތިޔާރު ލުބްނާންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާ ކުރަމުންނެވެ. އަދި, އެއްގަމު މަގުން ލުބްނާނަށް އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ޔަހޫދީ ފައުޖުން ވަނީ އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ.

ޔަހޫދީ ފައުޖުގެ އިސް ކޮމާންޑަރު ހެރްޓްޒީ ހަލަވީ ބުނީ, ޔަހޫދީންގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން ލުބްނާނަށް އަރައި ލާއިންސާނީ ޢުދުވާން އިތުރު ހަރުފަތަކަށް ފުޅާ ކުރުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. ޔަހޫދީ ފައުޖުގެ ވައިގެ ސިފައިންގެ ކޮމާންޑަރު ތޮމެރް ބާރް ބުނީ, އެއްގަމު މަގުން ލުބްނާނަށް އަރައިގަންނަ ޔަހޫދީ ފައުޖުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭން ވައިގެ ސިފައިން ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމުގައެވެ. އަދި, އީރާނުން ޙިޒްބުاللهއަށް ހަތިޔާރު ފޯރުކޮށްދޭން ކުރާ މަސައްކަތްތައް ހުއްޓުވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ އެކު މެދުރިއުމަތީގައި ލޭއޮހޮރުވުން ބޮޑު ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު ވެސް ވަނީ އެތަކެއް ގުނައަކަށް ބޮޑުވެފައެވެ.

އދގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ނިއު ޔޯކަށް ގޮސް އަނިޔާވެރި ނަތަންޔާހޫ ބުނީ ޙިޒްބުاللهއާ ދެކޮޅަށް ކަމަށް ބުނެ ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލާނީ ޔަހޫދީ ފައުޖުގެ ލަނޑުދަނޑިތައް ހާސިލުވުމުން ކަމުގައެވެ. ޔަހޫދީންގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ ނޫ ރޮނގު ކައިރީގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމުގައެވެ.

ނިރުބަވެރި ނަތަންޔާހޫގެ ބަސްތަކާ އެކު, ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމުގެ އުންމީދު މި ވަނީ ފަނޑުވެފައެވެ. ނަމަވެސް, އެ ކަން ކާމިޔާބު ކުރެވޭތޯ މަސައްކަތް ކޮށްދިނުމަށް ލުބްނާންގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބު ވަނީ އދގައި އެދިވަޑައިގަންނަވާފައެވެ. އޭނާ ވިދާޅުވީ "މަސްރަޙު ޙައްލު ނުކުރެވޭ މިންވަރަކަށް ގޯސްވުމުގެ ކުރިން, އަދި ކޮންޓްރޯލް ގެއްލުމުގެ ކުރިން" ޔަހޫދީ ފައުޖުގެ ޢުދުވާންތައް ހުއްޓުވަން ޖެހޭ ކަމުގައެވެ. "ލުބްނާނުން ތަޙައްމުލު ކުރަމުން އެ ދަނީ ދެމިއޮތުމާ ގުޅިފައިވާ ނުރައްކަލަކާ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ, ޢުދުވާންތައް މެދުކަނޑައިލަން އެމެރިކާއާއި އެކުވެރި ޤައުމުތަކުން ގުޅިގެން ހުށަހަޅާފައިވާ ރޭވުން ޔަހޫދީންނާ ހިއްސާކޮށް, އޭގައިވާ ކަންކަން ސާފު ކޮށްދީފައިވާނެ ކަމުގައެވެ. ޢުދުވާންތައް މެދުކަނޑައިލަން އެމެރިކާއިން ގޮވައިލާފައިވީ ނަމަވެސް, އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ލުބްނާންގެ އިތުރުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން އަސްކަރީ ޢުދުވާންތައް ހިންގަމުން ދަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.