ޚަބަރު

މެޑްރިޑް ޑާބީއަށް ކާވަހާލް ތައްޔާރު، ކަމަވިންގާވެސް ފެނިދާނެ


ސްޕެނިޝް ލީގުގައި އަންނަ އާދީއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ "މެޑްރިޑް ޑާބީ" އަށް ރެއާލް މެޑްރިޑުގެ ޑިފެންޑަރު ޑަނީ ކާވަހާލް ފިޓްވެފައިވާ ކަމަށާއި، އެ ޓީމުގެ މިޑްފީލްޑަރު އެޑޮއާޑޯ ކަމަވިންގާވެސް ސްކޮޑުގައި ހިމެނޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ކާވަހާލްއަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެސްޕަންޔޯލް އަތުން 1-4 އިން ރެއާލް މޮޅުވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން ލީގުގައި އެ ޓީމު އެންމެ ފަހުން ޑިޕޯޓިވޯ އަލަވޭސް އަތުން 3-2 އިން މޮޅުވި މެޗުގައި ކާވަހާލް ކުޅެފައެއް ނުވެއެވެ.

ނަމަވެސް އެ އަނިޔާއިން ރަނގަޅުވެ، ކާވަހާލް ވަނީ ބުރާސްފަތި ދުވަހު ބޭއްވި ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެއާއެކު، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުރިއަށް އޮތް މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިގައި އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެއިތުރުން، މިދިޔަ އޮގަސްޓް މަހުގައި ކުރިމަތިވި އަނިޔާއެއްގެ ސަބަބުން މިހާތަނަށް ކުޅުމާ ދުރުގައި ހުރި ފްރާންސްގެ މިޑްފީލްޑަރު، އުމުރުން 21 އަހަރުގެ ކަމަވިންގާވެސް ކުރިއަށް އޮތް މެޗުގައި ރެއާލްގެ ސްކޮޑުގައި ހިމެނޭނެއެވެ.

ކަމަވިންގާއަށް އަނިޔާވީ، ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ރެއާލް ކުޅުމަށް ހަމަޖެހިފައި އޮތް މެޗުގެ ކުރީން ބޭއްވި ފަރިތަކުރުންތަކުގައެވެ. އޭނާ އަށް އަނިޔާވީ، އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު، އޯރެލިއަން ޗުއަމެނީ ކައިރިން ޑްރިބްލްކޮށްފައި ދާން މަސައްކަތްކުރި ވަގުތު، ވެއްޓުނު ދަނޑިވަޅުގައި ކުރި ޓެކުލެއްގެ ސަބަބުންނެވެ. މި އަނިޔާގެ ސަބަބުން މި ފަހަރުގެ ސީޒަނުގައި އެންމެ މެޗެއްވެސް ކަމަވިންގާ ކުޅެފައެއްނުވެއެވެ.

ކަމަވިންގާ ވަނީ ބުރާސްފަތި ދުވަހުގެ ފަރިތަކުރުންތަކުގެ ބައެއްގައި ބައިވެރިވެފައެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗަށް ނަގައި ސްކޮޑުން އޭނާ ހިމެނުމާ މެދު ގޮތެއް ނިންމާނީ ހޮނިހިރު ދުވަހު އެވެ.

އެތުލެޓިކޯއާ ދެކޮޅަށް ރެއާލުން ނިކުންނައިރު، އަނިޔާގެ ސަބަބުން އެ ޓީމުގެ ފްރާންސް ތަރި، ކީލިއަން އެމްބާޕޭއަށް ނުކުޅެވޭނެ އެވެ. އެމްބާޕޭގެ އިތުރުން އެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ޑަނީ ސެބާޔޯސް އާއި، ޑޭވިޑް އަލަބާ އަދި ބްރާހިމް ޑިއާޒް ހިމެނެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު، ރެއާލް އޮތީ ވާދަވެރި ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުން ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އުޅޭ ބާސެލޯނާއަށް މިހާތަނަށް ކުޅުނު ހަތް މެޗުން ސައްތައިން ސައްތައިގެ ރެކޯޑެއް އޮތްއިރު، ރެއާލް ދެވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.