ޚަބަރު

މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް، ބްރިޓަކޮމްގެ މެމްބަރަކަށް މީރާ


  • ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން

  • މެންބަރެއްގެ ހައިސިއްޔަތުން ތަފާތު ތަމްރީނު ޕްރޮގްރާމްތަށް ފަހިވާނެ

  • މަޝްވަރާ ބައްދަލުވުންތަކުގައި މީރާގެ މުވައްޒަފުން ބައިވެރިވުމުގެ ފުރުސަތު ލިބޭނެ

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް އެޑްމިނިސްޓްރޭޝަން ކޯޕަރޭޝަން މެކޭނިޒަމް (ބްރިޓަކޮމް)ގެ ފަހުމުނާމާގައި މީރާއިން ސޮއިކޮށް، ބްރިޓަކޮމްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ.

މި ފަހުމުނާމާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު، ސޮއިކޮށްފައިވަނީ 24 ސެޕްޓެންބަރުގައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހޮންގް ކޮންގގައި ބޭއްވި 5 ވަނަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޓެކްސް ކޯޕަރޭޝަން ފޯރަމްގައެވެ.

ބްރިޓަކޮމް އަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީ.އާރ.އައި) ރީޖަންގެ ގައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމަށާއި، މެންބަރު ގައުމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފަހިކޮށްދިނުމަށްޓަކައި ޓެކްސް ކޯޕްރޭޝަން މެކޭނިޒަމެއް އެކުލަވައިލުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މީރާއިން ވިދާޅުވީ މި އިނީޝިއޭޓިވްގެ މެންބަރެއްގެ ހައިސިއްޔަތުން ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، މަޝްވަރާ ބައްދަލުވުންތަކުގައި މީރާގެ މުވައްޒަފުން ބައިވެރިވުމުގެ ފުރުސަތު ލިބި، ޓެކުހުގެ ނިޒާމު ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާ ދެނެގަނެ މީރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ބްރިޓަކޮމްގައި ބައިވެރިވުމުގެ މުހިންމުކަމާމެދު ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަނީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީ.އާރް.އައި) ސަރަހައްދުގެ ޓެކްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ރަގަނޅުކުރުމަށްޓަކައި ބްރިޓަކޮމް އިން އަދާކުރާ ދައުރާއި، ޓެކްސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ގުޅިގެން ހައްލުހޯދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އަދި ހަރުދަނާ ޓެކްސް ނިޒާމުތައް ބިނާކުރުމުގައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މީރާގެ އަމާޒަކީ، ބްރިޓަކޮމްގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި ޓެކުހުގެ އިދާރީ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދެވޭނެ ޤާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުންކަމަށް އޮތޯރިޓީއިން ވިދާޅުވެއެވެ.