ޚަބަރު

ރިޓަޔާކުރި ޝެޒްނީ، ބާސެލޯނާއަށް އެހީވުމަށް އަލުން ކުޅުމުގެ ތެރެއަށް


ފުޓްބޯޅަ ކުޅުން ހުއްޓާލިކަން މީގެ ކުރިން އިއުލާން ކޮށްފައިވާ ޕޮލަންޑުގެ ގޯލުކީޕަރު ވޮސިއެޗް ޝެޒްނީ، އަލުން ކުޅުމުގެ ތެރެއަށް އައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޝެޒްނީ އަލުން ކުޅުމުގެ ތެރެއަށް އަންނަން އުޅެނީ އަނިޔާގެ ސަބަބުން ސްޕެއިނުގެ ބާސެލޯނާގެ އެއްވަނަ ކީޕަރު ޖަރުމަނުގެ މާކް އެންދްރޭ ޓާ ސްޓެގެންއަށް އަނިޔާވެ، މި ސީޒަނުގައި އޭނާއަށް ނުކުޅެވޭނެކަން ޔަގީންވުމުގެ ސަބަބުން، އެތަން ފޫބައްދާނެ ތަޖުރިބާކާރެއް ހޯދުމުގެ މަސައްކަތް ބާސެލޯނާއިން ކުރަން ފެށުމާއެކުގައެވެ.

ބާސެލޯނާގެ ކޯޗް ހެންސީ ފްލިކް ބުނެފައިވަނީ ޓާ ސްޓެގެންގެ ބަދަލުގައި މިހާރު ކުޅެމުންދާ އިނާކީ ޕެނާއަކީ މޮޅު ކީޕަރެއް ކަމަށާއި، ނަމަވެސް އޭނާއަށް އަދި 25 އަހަރު ވެފައިވާތީ ތަޖުރިބާކާރު ކީޕަރެއް ބޭނުންވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެކަމަށް ގޮތެއް ނިންމާނެކަމަށްވެސް އޭނާ މީގެ ކުރިން ވަނީ ބުނެފައެވެ.

2017 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އާއި ގުޅުމަށްފަހު ޝެޒްނީ ވަނީ ޔުވެންޓަސް އާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު ވަނިކޮށް، މިދިޔަ އޮގަސްޓް މަހު ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ. ޕޮލަންޑްގެ ގައުމީ ޓީމަށް 250 މެޗު ކުޅެދީފައިވާ ޝެޒްނީ ވަނީ ޔުވެންޓަސް އާއިއެކު އިޓާލިއަން ލީގު ތިން ފަހަރު އަދި އިޓާލިއަން ކަޕް ތިން ފަހަރު ހޯދާފައެވެ.

ސްޕެނީޗް ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށް 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާ އާއި ވާދަވެރި ރެއާލް މެޑްރިޑާއި ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތެއް އަދި އެބައޮތެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާ މާދަމާ ނިކުންނާނީ އޮސަސޫނާއާ ދެކޮޅަށެވެ.