ޚަބަރު

10 ކުޅުންތެރިންނާއެކު ކުޅެ ޓޮޓްނަމް މޮޅުވެއްޖެ


ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އަޒަރުބައިޖާންގެ ގަރަބަގާ ދެކޮޅަށް ކުޅުނު މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެ، 3-0 ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕާއިން މެޗު ކާމިޔާބުކޮށްފިއެވެ.

ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ރެފްރީ ވަނީ ޖުނީނިއޫއަށް ކުރި ފައުލަކާއި ގުޅިގެން ޓޮޓްންހަމްގެ ރަޑު ޑްރެގުސިން އަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗު ފަށަން އޮތް ވަގުތަށްވުރެ 35 މިނިޓް ލަހުން ފަށާފައިވާ މި މެޗުގައި އެއް ކުޅުންތެރިއަކު މަދުކޮށް ޓޮޓްނަމުން ކުޅުނު ނަމަވެސް މެޗުގެ 12 ވަނަ މިނިޓުގައި ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ޓޮޓްނަމުން ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޕާޕް ސާރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

އޭގެ ތިން މިނިޓް ފަހުން ގަރަބަގްގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ތޮރާލް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފްގައި އަޒަރުބައިޖާނުގެ ލީގު ޗެމްޕިއަނުން ގިނަ ހަމަލަތަކެއް އުފެއްދި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވެއެވެ. އަދި މެޗުގެ 68 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ފްރާންސްގެ ލިއޯންއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އިޓަލީގެ ރޯމާ އާއި ސްޕެއިންގެ އެތްލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.