ޤަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 16 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ދަނީ ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން ބިދޭސީންތަކެއް ހުޅުމާލޭގެ ފޭސް 1 ގައި ހިންގަމުންދާ 6 ކެފޭ/ހޮޓާ ބަލައި ފާސްކުރުމަށް މި މަހުގެ 24 އިން 25އަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިޔަ 3 ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދިންކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ،
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ 4054 ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.
މި މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސް އިން ވަނީ ހުޅުމާލޭގެ ފޭސް 01ގައި ހިންގަމުންދާ 06 ކެފޭ/ހޮޓާ ބަލައި ފާސްކޮށްފައި. އަދި މިތަންތަނުގައި ގަވާއިދާ ހިލާފަށް ތިބި 16 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި. އަދި މީގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް… pic.twitter.com/ulWeHyVAU3
— Maldives Immigration (@ImmigrationMV) September 26, 2024
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ދަނީ ކުރަމުންނެވެ. މިގޮތުން މިމަސައްކަތް 2 ރަށަކުން މިހާރުވަނީ ނިންމާލާފައެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އިތުރު ފުރުސަތަކާ ނުލާ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރެޝަންގެ ތެރެއިން ބިދޭސީންނާ ގުޅުންހުރި ގިނަ މައްސަލަތަކެއްދަނީ ފެންމަތިވަމުންނެވެ. އެގޮތުން މީގެކުރިން ޢާއްމުކޮށް ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެވުމަށްފަހު ޤަވާއިދާއި ޚިލާފުވާ މީހުން ތިބޭކަން ފާހަގަވީނަމަވެސް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ
ގިނަ ޢަދަދެއްގެ ބިދޭސީން ތިބިކަން ހާމަވަމުންދާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ބެލެނިވެރި ފަރާތެއް ނެތި، އޯޕަން ވިސާއާއި، ފްރީ ވިސާގެ ނަމުގައި ބިދޭސީންނަށް ވިސާ ހަމަޖައްސައިދޭ އޭޖެންޓުން ފާހަގަވެފައިވާއިރު މިފަދައިން ރާއްޖެއަށް އައުމަށްފަހު އަމިއްލަ މަސައްކަތުގައި ޝާމިލުވެގެން ޢާމްދަނީ ހޯދަމުންދާކަން ފާހަގަވެފައިވާކަން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.