ޚަބަރު

ޓޫރިސްޓް އުޅަނދުތަކުގެ އޭޖެންޓުންނަށް ވެވޭނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށް


  • ޓޫރިސްޓް އުޅަނދުތަކުގެ އޭޖެންޓުންނަށް ވޭވޭނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށް

ދިވެހިންގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުތަކުގެ އޭޖެންޓުކަން ކުރެވޭގޮތަށް ޤަވާއިދު އިސްލާހުކޮށްފިއެވެ.

މިއަހަރުގެ ކުރީކޮޅު އެކުލަވައިލި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު"ގައިވާ ގޮތުން ކަސްޓަމްސްގެ ހުއްދަ ލިބި، ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށްވެސް ޓޫރިސްޓް އުޅަނދުތަކުގެ އެޖެންޓަކަށް ވެވޭނެއެވެ. ނަމަވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިހާރު ވަނީ އެ ޤަވާއިދު އިސްލާކޮށްފައެވެ.

ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަމާ ހަވާލުވެވޭނ،ީ ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހި ރައްޔިތުން ހިމެނޭ ކުންފުންޏަކަށެވެ. އަދި އެފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި އެހެން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ސޯލް ޕްރޮޕްރިއޭޓަރޝިޕެއް ހިމެނޭ ނަމަ އެތަނެއްގެ ބައިވެރީންގެ ގޮތުގައި ތިބެންޖެހޭނީވެސް ހަމައެކަނި ދިވެހިން ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައިވާ ގޮތުން ރާއްޖެ އަންނަ ކްރޫޒް ލައިނަރތަކުން އަންނަ ފަސިންޖަރުންނަށް ދޭ ޝޯ އެކްސްކާރޝަން ދިނުމުގައި ހަރަކާތްތެރިވެވޭނ،ީ އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އުޅަނދު ރާއްޖެއަށް އައިއިރު އެ އުޅަނދުގައި ތިބި ފަސިންޖަރުންނަށް ހުއްދަ ދޫކޮށްފައިވާ ޓުއަރ ގައިޑުންނަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބޭރުގެ ޓޫރިސްޓް އުޅަނދުތައް ރާއްޖެއަށް ބަނދަރުކުރުމާއި ރާއްޖޭގައި ދުއްވުމަށް ޕެސެންޖަރ ލައިސަންސް ދޫކުރާ އިރު އަގު ނަގާ އުސޫލަށްވެސް މި އިސްލާހުގައި ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، 75 މީޓަރަށް ވުރެ ދިގު 100 މީޓަރަށް ވުރެ ކުޑަ އުޅަނދުތަކުން ލައިސަންސް ފީއަށް 650 ޑޮލަރު ނެގުމާއެކު 100 މީޓަރަށް ވުރެ ދިގު، ކްރޫޒް ލައިނާ ނޫން އުޅަނދުތަކަށް ވަކި ކެޓަގަރީއެއް ހަދައި އެ ކެޓަގަރީއަށް 750 ޑޮލަރު ނަގާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ.

މި ޤަވާއިދުގައި ކުރިން އޮތް ގޮތުން ދިގުމިން 75 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުތަކުން ޕެސެންޖާ ލައިސަންސް ފީއެއްގެ ގޮތުގައި ނަގަނީ ދުވާލަކަށް 700 ޑޮލަރެވެ.