ޚަބަރު

50 ކައުންސިލެއްގެ އޮފީސް އިމާރާތުގެ ޕްރޮޕޯސަލް ޗައިނާ ސަރުކާރަށް ފޮނުވައިފި


  • ރައީސުލްޖުމްހޫރިއްޔާ ވަނީ 50 ރަށެއްގެ ކައުންސިލް އިދާރާ އިމާރާތްކުރުމަށް ނިންމަވާފައި

  • ޕީއެސްއައިޕީގެ ދަށުން 55 ކައުންސިލް އިދާރާއެއް ތަރައްގީކުރަން ކުރިން އިއުލާންކުރި

އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަޅާ ފުރަތަމަ 50 ކައުންސިލް އިދާރާގެ ޕްރޮޕޯސަލްތައް ޗައިނާ ސަރުކާރަށް ފޮނުވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިދާރާތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެމަނިކުފާނު ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލް އިދާރާތަކުގެ ހާލަތު އަމިއްލަފުޅަަށް ތަޖުރިބާ ކުރެއްވުމަށްފަހު ކަމަށެވެ. އެގޮތުން، ގިނަ ރަށްތަކުގައި އަދިވެސް ބޭނުންކުރަމުންދަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ރަށު އޮފީސް ހިންގަމުން އައި އިމާރާތްތައް ކަމަށާއި އެހެންވެ ޖާގައިގެ ދަތިކަން ދިމާވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއް ޤާއިމުވެފައި އޮންނަންޖެހޭ ކަމަށެވެ. ނަމަވެސް އެކަން ވޭތުވެދިޔަ އަހަރުތަކުގައި ނުކޮށްއޮތުމުން ކައުންސިލްތަކުގެ ހާލަތު އޮތީ ވަރަށް ނިކަމެތިވެފައި ކަމަށާއި ސަރުކާރުން ބޭނުންވަނީ އެ ހާލަތު ބަދަލުކުރުމަށްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މި ސަރުކާރުން އިއުލާންކުރި 50 ކައުންސިލް އިދާރާއަކީ ޗައިނާގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކެވެ. އެ ތަންތަނުގެ ޕްރޮޕޯސަލްތައް މިހާރު ޗައިނާ ސަރުކާރަށް ފޮނުވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިވަނީ މި ޕްރޮޕޯސަލްތައް ޗައިނާ ސަރުކާރަށް ފޮނުއްވާފައި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް. އަދި އަޅުގަނޑަށް އިއްޔެ ޗައިނާ އެމްބަސީން ޔަގީންކޮށްދެއްވި ގޮތުގައި މިހާރު ޗައިނާ ސަރުކާރުގައި އޭގެ މަޝްވަރާތައް ކުރިއަށް އެބަދޭ. އެހެންވެ އެ 50 ކައުންސިލް އަޅުގަނޑުމެން މި ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ އޭގެ ރަސްމީ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ ކަމަށް،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މި 50 ކައުންސިލްގެ އިތުރުން ޕީއެސްއައިޕީގެ ދަށުން 55 ކައުންސިލް އިމާރާތެއްގެ މަސައްކަތްވެސް މީގެ ކުރިން ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ. ރާއްޖޭގެ މާލީ ހާލަތު ދަށް ނަމަވެސް ސަރުކާރުން ބޭނުންވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށާއި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޕްރޮޕޯސަލްތައް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޕްރޮޕޯސަލްތައް ލިބުމުން ވީހާވެސް އަވަހަށް އެ ކައުންސިލްތަކުގެ މަސައްކަތްތައްވެސް ފެށިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.