ޚަބަރު

ސްކޭމްގައި މިހާތަނަށް 13 މިލިޔަން ރުފިޔާ ގެއްލުނު، ހޯދުނީ 2.2 މިލިޔަން ރުފިޔާ: ފުލުހުން


  • ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 15 އިންސައްތަށް ވުރެ މަދު އަދަދެއް

އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތައް ނުވަތަ ސްކޭމުގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.


އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މިއަހަރުގެ މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދިފައިވަނީ 2.2 މިލިއަން ރުފިޔާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ސްކޭމްތަކުގައި މިހާތަނަށް އައިރު އޮޅުވާލައިގެން ބޮޑެތި އަދަދުން ފައިސާ ފޭރިގަނެފައި އެބަހުއްޓެވެ. އެގޮތުން ވިޔަފާރިތަކާއި، ޖަމްޢިއްޔާ ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ސްކޭމް ހިންގާފައިވާއިރު، މިފަދަ ސްކޭމްތަކުގައި އެތައް މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް މީގެ ކުރިން ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ.

މިދިޔަ ޖުލައި މަހު ފުލުހުން ވިދާޅުވެފައިވަނީ ސްކޭމްތަކުގައި ގިނަ ބައެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްލަނީ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ކަމަށެވެ. އަގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެކި މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް އެފައިސާ ވަގުތުން ނަގަނީ ދުރާލާ ރޭވިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހެން ވުމާއެކު އެ ފައިސާ އަނބުރާ ހޯދުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެފަދަ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭއިރު، 500 އަށް ވުރެ ގިނަ އެކައުންޓު މިއަހަރުވެސް ބްލޮކްކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

އޭސީޕީ ޝިފާން ވިދާޅުވީ، މިފަދަ ސްކޭމްތަކުގައި އަދިވެސް ގިނަ ބަޔަކު ޖެހެމުން ދިއުމަކީ ހިތާމަވެރިކަމެއް ކަމަށެވެ.

ސްކޭމްތަކާއި ދެކޮޅަށް ފުލުހުންގެ ހާއްސަ ބަހާއެއް އުފައްދައި މަސައްކަތް ކުރަމުންދާއިރު، ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދުދެނީ މެސެޖަކުން އަންނަ ލިންކުތަކަށް ނުފިތުމަށެވެ. އަދި އެއްވެސް ފަރާތަކަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އެކި ޒަރީއްޔާތަކުން ކަމާއި ގުޅުން ހުރި އިދާރާތަކުން އެދެއެވެ.