ޚަބަރު

ޤައުމުތަކުގެ ގުޅުންތައް ވަރުގަދަކޮށް، ސުލްޚަ ގާއިމްކުރުމަށް ފަތުރުވެރިކަން މުހިއްމު


  • މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް

  • މިއަހަރުގެ ޝިއާރަކީ ފަތުރުވެރިކަމާއި ސުލްހަމަސަލަސްކަން

ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ.

ބައިނަލްއަޤްވާމީ ގޮތުން ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރަނީ ފަތުރުވެރިކަމާއި އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިސާދީ ކަންކަމާއި އޮންނަ ގުޅުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ފަތުރުވެރިކަމުގެ ދުވެހުގެ ޝިއާރު

ބައިނަލްއަޤްވާމީގޮތުން ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަނީ ވަކި ޝިއާރެއްގެދަށުންނެވެ. އެގޮތުން ޔުނައިޑަޓް ނޭޝަންސް ވޯލްޑު ޓޫރިޒަމް އޮގަނައިޒޭޝަން، ޔޫއެންޑަބްލިއުޓީއޯއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "ޓޫރިޒަމް އެންޑު ޕީސް" ނުވަތަ ފަތުރުވެރިކަމާއި ސުލްޙަ މަސަލަސްކަމެވެ.

ފަތުރުވެރިކަމުގައި އަބަދުވެސް ދެކެވެނީ އެ ސިނާއަތުގެ އިޤްތިސާދީ ފައިދާތަކުގެ ވާހަކައެވެ. އެހެންނަމަވެސް ފަތުރުވެރިކަމަކީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. ހާއްސަކޮށް ޤައުމުތަކުގެ ރައްޔިތުންގެ ގުޅުންތައް ވަރުގަދަކޮށްދީ ސުލްހަވެރިކަމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖު

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްގެ ހާއްސަ މެސެޖުގައިވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމުން މުޖުތަމައުތަކަށް އަންނަމުންދާ ބަދަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިސާދީ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވާކަމާއި، އިޤްތިސާދީގޮތުން ބާރުވެރިކަން އުފެއްދިގެންދާކަމަށް ސެކްރެޓަރީ ޖެނެރަލްވަނީ ވިދާޅުވެފައެވެ. އަދި ސަޤާފީގޮތުންނާއި އިޖްތިމާއީގޮތުން އުފެދޭ ގުޅުންތަކާއެކު އެޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް ބަދަހިވުމުގެ ފުރުސަތު ފަހިވާކަން ފާހަގަކުރެއްވިއެވެ.

އަދި ދަތުރުވެރިންނަކީ އެއް ޤައުމުން އަނެއް ޤައުމަށް ތަޖުރިބާތައް ގެންގޮސްދޭ ވަސީލަތެއް ކަމަށާއި، މިއީވެސް ސުލްހަވެރިކަމަށް މަގުފަހިކޮށްދޭކަމެއްގެގޮތުގައި ސެކްރެޓަރީ ޖެނެރަލްވަނީ ސިފަކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު، މިއީ ރާއްޖެއަށް ވަރަށް މުޙިއްމު ދުވެހެކެވެ. ސަބަބަކީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ސިނާއަތަށްވުމެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް މަސައްކަތްކުރަނީ މިސިނާއަތުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިދާއިރާއިން ރާއްޖެ މިވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ރާއްޖޭގައި ފަތުރުވެރިކަން ނުފެށޭނެ ކަމަށް ބަޔަކު ބުނިނަމަވެސް، 1972 ވަނަ އަހަރު ރާއްޖެއިން އެ މަސައްކަތް ފަށައި، މިއަދު އެ ސިނާޢަތަށް ވަނީ އިންޤީލާބީ ބަދަލުތަކެއް ގެނުވާފައެވެ.

މިއަދު ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ މަންޒިލެއްގެގޮތުގައި މަޤްބޫލު މަންޒިލެކެވެ. މި ދާއިރާއިން ރާއްޖެ އެންމެ ކުރީ ސަފަހަށް ޖެހިލާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމެވެ.

މި ދާއިރާއިން ކުރިއެރުންތައް ގެނައުމަށްޓަކައި ތަފާތު އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރުގެ މިހާތަނަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒު ހާސިލްކުރެވޭނެ ކަމުގެ ޔަޤީންކަން ބޮޑެވެ.