މި އަހަރުގެ ކޮޕާ ލިބަޓަޑޯރެސްގެ ސެމީ ފައިނަލްގައި އާޖެންޓީނާގެ ރިވާ ޕްލޭޓް އާއި ވާދަވެރި ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ ބައްދަލުކުރަން ޖެހިއްޖެއެވެ.
ރިވާ ޕްލޭޓް އިން ވަނީ 2-1 ގެ އެގްރިގޭޓުން ޗިލީގެ ކޯލޮ ކޯލޯގެ މައްޗަށް ކުރިހޯދާފައެވެ. މި ދެ ޓީމުގެ މެދުގައި މި ހަފްތާގެ އަންގާރަ ދުވަހު ރިވާ ޕްލޭޓްގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 އިންނެވެ.
އެތުލެޓިކޯ މިނެއިރޯ އިން ސެމީ އަށް ދަތުރުކުރީ ދެވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން، އަދި ވާދަވެރި ފްލުމިނެންސޭ އަތުން 2-0 އިން ހޯދީ މޮޅާއެކު އެވެ. މި ދެ ޓީމުގެ މެދުގައި މިދިޔަ ހަފްތާގައި ރިއޯ ޑީ ޖެނެއިރޯގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ފްލުމިނެންސޭ މޮޅުވީ 1-0 އިންނެވެ.
ބްރެޒިލް ލީގުގެ އެއްވަނައިގައި އުޅޭ ބޮޓަފޯގޯ އިން ވަނީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން އެ ގައުމުގެ އެހެން ޓީމެއް ކަމަށްވާ، ސައޮ ޕައުލޯ ބަލިކޮށް 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސެމީން ޖާގަ ހޯދާފައެވެ. ބޮޓަފޯގޯއާ ދެކޮޅަށް ސެމީގައި ކުޅެން ޖެހޭނީ ބްރެޒިލްގެ ފްލަމެންގޯ އާއި އުރުގުއޭގެ ޕެނަރޯލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. މި ދެ ޓީމުގެ ދެމެދުގައި މިދިޔަ ހަފްތާގައި ކުޅެވުނު ފުރަތަމަ ލެގުގެ މެޗުގައި މަރަކާނާ ސްޓޭޑިއަމްގައި ޕެނަރޯލް މޮޅުވީ 1-0 އިންނެވެ.
ކޮޕާ ލިބަޓަޑޯރެސްގެ އެންމެ ފަހުން ކުޅެވުނު ފަސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ބްރެޒިލްގެ ކްލަބުތަކުން ހޯދާފައިވާއިރު، މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮތީ އަންނަ ނޮވެންބަރު 30 ގައި ބިއުނޯސް އައިރެސްގައެވެ.