ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ބުޅާ ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ބުޅާ ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ރެޕިޑް އިންޖިނިއަރިންގް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. އެކަން ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2.10 މިލިޔަން ރުފިޔާއަށެވެ.
ބުޅާ ފެސިލިޓީގައި އެންމެ ފުރަތަމަ އަޅަން ނިންމާފައިވަނީ ވަގުތީ ގޮތުން ބުޅާތައް ބެލެހެއްޓޭނެ ގޮތް ގާއިމްކުރުމަށް، ބޭނުންވާ ކޮމްޕާޓްމަންޓްތަކެކެވެ. އެގޮތުން ބަލިޖެހިފައިވާ ބުޅަލާއި އެހެން ބުޅާތައް ވަކިން ބެލެހެއްޓޭނެހެން ވަކިވަކި ކޮމްޕާޓްމަންޓްތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބުޅާ ފެސިލިޓީއަށް ފުރަތަމަ ގެންދާނީ، ސަލްމާން މިސްކިތް ކައިރީގައި ވެރިއަކު ނެތިފައިވާ 120 ބުޅަލެވެ.
މާލެ ސިޓި ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ބުޅާ ފެސިލިޓީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުޅާތައް ތިބޭނެ ތަނެއް ގާއިމް ކުރިނަމަވެސް، ފަހުން، ވެޓް ކްލިނިކެއްވެސް ގާއިމް ކުރެވި، ބުޅަލުގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ އެހެން ދިރޭތަކެޗަށް ފަރުވާ ދެވޭނެ އިންތިޒާމު ވެސް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ކެޓް ޝެލްޓަރ ނުވަތަ ބުޅާ ފެސިލިޓީ ޤާއިމްކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ.