ޚަބަރު

ރާއްޖެއާއި އިންޑޮނޭޝިއާއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރައްވައިފި


  • މި މަޝްވަރާތައް ބާއްވާފައިވަނީ ވަޒީރު ސަޢީދާއި އިންޑޮނޭޝިއާ ސަފީރާއި ދެމެދު

  • 62 މިލިއަން ޑޮލަރުގެ ވިޔަފާރި 2 ޤައުމުގެ ދެމެދުގައި ކުރޭ

ރާއްޖެއާއި އިންޑޮނޭޝިއާއާއި ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ އިންޑޮނޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވީ ގުސްޓީނާ ޓޮބިން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސަޢީދު ވިދާޅުވީ، ދެ ޤައުމުން ކުރާ ވިޔަފާރިއާއި އިޤްތިޞާދީ ކަންކަން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށެވެ.

އިންޑޮނޭޝިއާއަކީ މިހާރުވެސް ދިވެހި ވިޔަފާރިވެރިން ވަރަށް ގިނައިން ދަތުރުކުރާ އަދި ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން 62 މިލިއަން ޑޮލަރުގެ ވިޔަފާރި ދެ ޤައުމުގެ ދެމެދުގައި ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަކީ އެކި ޤައުމުތަކާއި އެކުގައި ވިޔަފާރީގެ ގުޅުން އިތުރަށް ޤާއިމްކުރުންކަމަށެވެ. އަދި ވިޔަފާރީގެ ގުޅުން ޤާއިމްކޮށްފައި ހުރި ޤައުމުތަކާއި އެކުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް މަސައްކަތްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން އެކި ބާޒާރުތަކަށް ރާއްޖޭގެ މުދާ އެކްސްޕޯޓްކުރުމަށް ލުއި ހޯދުމަށްވެސް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.