ޚަބަރު

10 މަސް ދުވަހުން އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން، 68 މެގަވޮޓަށް!


  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި

މިދިޔަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން، 68 މެގަވޮޓަށް އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ރާއްޖެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒަކަށް ހަދާފައިވާކަމަށެވެ. ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލުވުމަށް މީގެ 10 ވަރަކަށް މަސްދުވަސް ކުރިން އިއުލާންކުރެއްވިއިރު، ރާއްޖޭގައި އުފައްދަނީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަކަމަށެވެ. ނަމަވެސް މިއަދު އެއަދަދު 68 މެގަވޮޓަށް އިތުރުވެފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން މަގުޗާޓެއް އެކުލަވާލާފައިވާކަމަށާއި، އޭގެތެރޭގައި އަވިންނާއި ވައިން ކަރަންޓް އުފެއްދުމުގެ އިތުރުން، އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުން ހިމެނޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ފުރަަތަމަ ކުއާޓަރުގައިވެސް ތެލަށް ކުރި ޚަރަދު 65 މިލިއަން ޑޮލަރަށް އަރާކަމަށެވެ.

"ކޮންމެ އަހަރަކު ޖީޑީޕީގެ 10 އިންސައްތަ ހަރަދުކުރަންޖެހެނީ ތެލަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުނިން ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫގައި ކުނިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކޮށްފައިވާއިރު، ތިލަފުށީގައި އެ ނިޒާމް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމަކީވެސް އިއާދަކުރަނިވި ހަަކަތައިން އޮޕަރޭޓްކުރާ ނިޒާމަކަށް ހެދުމަށް މަސައްކަތްކުރަމުންދާއިރު، މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތައަކީވެސް އިއާދަކުރަނިވި ހަަކަތައަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަކީ ފައިދާ ބޮޑު ވިޔަފާރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ދައުވަތުދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުން އޮތީ މާ ދުރުގައި ނޫންކަމަށާއި، ނަމަވެސް އެކަމަށް ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.