ޚަބަރު

ރާއްޖެ އަތުން އިންޑޮނީޝިއާއަށް ފަސޭހަ މޮޅެއް


20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު، ރާއްޖެ އަތުން 4-0 ގެ ނަތީޖާއަކުން އިންޑޮނީޝިއާ މޮޅުވެއްޖެއެވެ.

2025 ވަނަ އަހަރު ޗައިނާގައި ބާއްވާ މުބާރާތުގެ ކޮލިފައިން ގްރޫޕް އެފްގައި ރާއްޖެ ހިމެނޭއިރު، މި ގްރޫޕުގައި ހިމެނެނީ ކޮލިފައިން މެޗުތައް ކުރިއަށްދާ ގައުމު ކަމަށްވާ އިންޑޮނީޝިއާ އާއި، ޔަމަން އަދި ޓިމޯ ލެސްޓޭއެވެ.

ޖަކާޓާގެ މަދްޔާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު މި މެޗުން އިންޑޮނީޝިއާ މޮޅުވީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑުތަކާއެކުއެވެ. އެގޮތުން އިންޑޮނީޝިއާއިން ފަސް މިނެޓުގެ ތެރޭ ތިން ލަނޑު ޖެހިއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަދިތުޔާ ވަރްމާންއެވެ.

އޭގެ ތިން މިނެޓު ފަހުން އިންޑޮނީޝިއާގެ ދެވަނަ ލަނޑު، ބަދަލަކަށް ކުޅެން އެރި ފީގޯ ޑެނިސް ސަޕުޓްރަނަންޓޯ ޖަހައިދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 57 ވަަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޓޯނީ ފިރްމާންސިއާއެވެ. މި މެޗުގައި އިންޑޮނީޝިއާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ޖެންސް ރަވެންއެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ޔަމަނާ ދެކޮޅަށެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޔަމަން ވަނީ 3-1 ގެ ނަތީޖާއަކުން ޓިމޯ ލެސްޓޭ ބަލިކޮށްފައެވެ.

10 ގްރޫޕަކަށް ބަހާލައިހެން 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން ކުރިއަށްދާއިރު، އެއްވަނައިގައި ނިންމާ ޓީމުތަކަށް 2025 ވަނަ އަހަރު ޗައިނާގައި ބާއްވާ މުބާރާތުގެ ޖާގައެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ގްރޫޕަކުން ދެވަނައަށްދާ ޓީމުތަކަށްވެސް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ.