ޚަބަރު

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްޤީއަށް ހުރަސް އެޅި، އިޤްތިޞާދަށް ނުރައްކާތައް ކުރިމަތިވޭ: ރައީސް


  • ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ރާއްޖެއިން ގެނައިކަން ފާހަގަކުރެއްވި

  • މޫސުމީ މައްސަލަތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްޤީއަށް ހުރަސް އެޅި، އިޤްތިޞާދަށް ނުރައްކާތައް ކުރިމަތިވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލަމުންދިއުމާއި ގުޅޭގޮތުން އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ ބައްދަލުވުމުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ މުޅި އިންސާނިއްޔަތަށް އެކި ގޮތްގޮތުން އޮތް ނުރައްކަލެއްކަން ފާހަގަކޮށްފައިވާކަމަށެވެ. އަަދި ސިޑްސްއަކީ އެ ބައްދަލުވުމުގައި ގޮވާލި ކަންކަމާއި ގުޅޭގޮތުން މަސައްކަތްކުރަން އުފެދުނު ވޯކިންގ ގްރޫޕެއްކަމަށާއި، އެ ގްރޫޕްގެ މަސައްކަތުގެ ސަބަބުން އދގެ އެންމެ މުހިއްމު އެޖެންޑާތަކާއި ހަމައަށްވެސް މި މައްސަލަ ގެނެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގެ ނުރައްކާ ބޮޑުވެފައިވާއިރު، އެކަމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަޤާފަތާއި ތަރިކައަށްވެސް ނުރައްކާތައް ކުރިމަތިވަމުންދާކަމަށެވެ. އަދި އެ މައްސަލަތަކުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މޫސުމީ ކާރިސާތައް އިތުރުވެ، ދިރިއުޅުމުގެ ޙާލަތަށް އަސަރުކޮށް، ތަރައްޤީއަށް ހުރަސް އެޅި، އިޤްތިޞާދަށް ނުރައްކާތައް ކުރިމަތިވަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މައްސަލައަށް ހައްލުތައް ހޯދުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރިކަމަށާއި، އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކޮށް، އެކަމަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދަންޖެހޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދައާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ ހޭދައިގެ ފަރަޤު ކުޑަކުރަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބޭނުންވާ އެއްބާރުލުން ނުލިބި ޕެރިސް އެގްރިމަންޓާއި 2030 އެޖެންޑާގައި ހުރި ކަންކަން ހާސިލުނުވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ 5 އަހަރު ތެރޭގައި މޫސުމީ ކާރިސާތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑެތި ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެހެންކަމުން އެކަންކަމުން އަރައިގަތުމަށް ލޮސް އެންޑް ޑެމޭޖް ފަންޑަށް މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައެވެ.