ޚަބަރު

އދ އިން ޢަރަބި ކޯލިޝަން ބްލެކްލިސްޓްކޮށްފި


ޔަމަނުގައި ޙަރަކާތްތެރިވަމުންދާ ޢަރަބި ކޯލިޝަނުން ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވަމުންދިއުމާ، ބޮޑެތި އަނިޔާތައް ލިބެމުންދިއުމާއި ގުޅިގެން އ.ދ އިން އެކޯލިޝަން ބްލެކް ލިސްޓްކޮށްފިއެވެ.

ޢަރަބި 10 ޤައުމު ހިމެނޭ މިކޯލިޝަނަކީ ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން މިދިޔަ އަހަރު އެކުލަވާލި ކޯލިޝަނެކެވެ.

އ.ދ އިން ހާމަކުރިގޮތުގައި ފާއިތުވި އަހަރު ޔަމަނުގައި މަރުވި އަދި ޒަޚަމްވި ކުޑަކުދިންގެ ތެރެއިން 60 އިންސައްތަ އަކީ ޢަރަބި ކޯލިޝަނުން ދިން ވައިގެ ޙަމަލާތަކުގައި މަރުވެފައިވާ ނުވަތަ ޒަޚަމްވެފައިވާ ކުދިންނެވެ. އެކޯލިޝަނުން 2015 ވަނައަހަރު ދިން ޙަމަލާތަކުގައި 510 ކުދިން މަރުވެ، 667 ކުދިން ޒަޚަމްވެފައިވާކަމަށް އ.ދއިން ބުނެއެވެ.

އ.ދ އިން އިއްޔެ ނެރުނު ރިޕޯރޓެއްގައި ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވިދާޅުވީ ޔަމަނުގެ ޢާންމު ޙާލަތާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ދާޚިލީ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި މިދިޔަ އަހަރު މަރުވި އަދި ޒަޚަމްވި ކުދިންގެ ޢަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ފަސްގުނަ މައްޗަށް ގޮސްފައިވާކަމަށެވެ. ބަންކީ މޫން ވިދާޅުވީ ޔަމަނުގައި ޙަރަކާތްތެރިވަމުންދާ ޙޫޘީންނާއި ޢަރަބި ކޯލިޝަނުން ދެމުންދާ ގިނަ ޙަމަލާތަކެއް ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އަމާޒުވަމުންދާކަމަށެވެ.

މީގެ އިތުރުން ކުޑަކުދިން ހަނގުރާމާގައި ބައިވެރިކުރަމުންދާ މިންވަރުވެސް ފަސް ގުނަ އިތުރުވެފައިވާކަމަށް އ.ދ ގެ ރިޕޯޓް ބުނެއެވެ.