ޚަބަރު

ރާއްޖެއަކީ އެހެން ޤައުމުތަކަށް އިޙްތިރާމް ދީ އިޙްތިރާމް ހޯދާ ޤައުމެއް: ސަފީރު


  • ރާއްޖެ އަކީ އދ.ގައި ހަގު ގައުމެއް ނޫން ކަން ސަފީރު ފާހަގަކުރެއްވި

ރާއްޖެއަކީ އެހެން ޤައުމުތަކަށް އިޙްތިރާމް ދީ އިޙްތިރާމް ހޯދާ ޤައުމެއްކަމަށާއި، އެއްވެސް ގައުމަކުން ރާއްޖެއިން ބަލާ ރަތް ރޮނގު ހުރަސްނުކުރާހާ ހިނދު ރާއްޖެއާ އޮންނަ ގުޅުން އޮންނާނެކަމަށް ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމުން ގެނެސްދޭ ދިވެހީންގެ އަޑު ދުނިޔެއަށް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ރާއްޖެ އަކީ އދ.ގައި ހަގު ގައުމެއް ނޫން ކަމަށެވެ. ރާއްޖެ އަކީ ވަރަށް ފަހުރުވެރި ތާރީހެއް އޮތް ގައުމެއްކަމަށާއި، ރާއްޖޭގެ މިނިވަނަ މުސްތަގިއްލުކަމަށް ޝައްކު އުފައްދާނެ އެއްވެސް ގޮތެއް މިހާރު ނޯންނާނެކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ބައިނަލަގްވާމީ ގޮތުން ގައުމުތަކުން ބަލައިގަންނަ ގައުމެއްކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަޢްމަދު މުޢިއްޒުހެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެއްވަނީ ރާއްޖެއާއި ދިވެހި ރައްޔިތުންނަށްކަމަށެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ވަރަށް ހާމަކަން ބޮޑު ސިޔާސަތެއް ރައީސް ގެންގުޅުއްވާކަމަށާއި، އިޙްތިރާމް ދީ އިޙްތިރާމް ހޯދުމަކީ ރާއްޖެ ބަލާގޮތްކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އެއްވެސް ގައުމަކުން ރާއްޖެއިން ބަލާ ރަތް ރޮނގު ހުރަސްނުކުރާހާ ހިނދު ރާއްޖެއާ އޮންނަ ގުޅުން އޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އެހެން ގައުމުތަކުގެ ހާރިޖީ ސިޔާސަތާ ހުރި ތަފާތުތަކަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ، އެންމެ ބޮޑު ތަފާތަކީ ރާއްޖޭ ހިފަހައްޓަމުން އަންނަ ސިޔާސަތުތަކާއި އަސާސްތަކުން އެއްވެސް އިރެއްގައި ބޭރުނުވެ ހިފަހައްޓާކަމެވެ.

"މިހާރު ގެންގުޅޭ ހާރިޖީ ސިޔާސަތަކީ އެންމެ ކުޑަކޮށް ތަރައްގީވެފަ އޮތް ގައުމެއްގޮތުގައި ފަށައިގެން އައިސް މާލަސްތަކެއް ނުވެ މެދުފަންތީގެ ގައުމުތަކުގެ ތެރެއިން އެންމެމަތީ ހަރުފަތުގައި ހިމެނޭ އެއް ގައުމެއްގެ ހައިސިއްޔަތައް ރާއްޖެއަށް އާދެވުނު އިރު އަދި ހުރި ގޮންޖެހުންތަކުގެ އަލީގައި ސައްތައިން ސައްތަ ދުނިޔޭގެ މުސްލިމް ދެގައުމުގެ ތެރެއިން އެއް ގައުމަށްވެ، ބައިނަލަގްވާމީ ވަރަށް މުހިންމު ބައެއް އަސާސްތަކުގައި ވަރުގަދައަށް ހިފާ އެހެން ބައެއް އަސާސްތަކުގާ ކުރިޔަށް ނިކުމެގެން ވަކަލާތުކުރާ ގައުމައެއްގެ ހައިސިއްޔަތު އޮތް ގައުމަކަށް ވީހިނދު އެންމެ ލޮނު ހެޔޮވަރު ޚާރިޖީ ސިޔާސަތެއް" ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ސަފީރު ވަނީ އދ.އަކީ ހަމަޖެހުމުގައި އޮތްތަނެއްގެ ގޮތުގައި އޮތުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި ގޮވާލުމަކީ މުހިންމު ގޮވާލުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި، ނިސަބަތުން އާބާދީ މަދުވިއަސް އދ. ހަމަހަމަވާންޖެހޭކަމަށް ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.