ޚަބަރު

ރޮޑްރީއަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް


މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ރޮޑްރީއަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މި ހަފްތާގައި އާސެނަލް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ރޮޑްރީއަށް އަނިޔާވެ އޭނާ ވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބަދަލުކޮށްފަ އެވެ. 2-2 ގެ ނަތީޖާއަކުން ސިޓީ އާއި އާސެނަލް އެއްވަރުވެފައިވާ މި މެޗުގައި ރޮޑްރީއަށް އަނިޔާވެފައިވަނީ އާސެނަލްގެ ތޯމަސް ޕާޓޭ އަތުންނެވެ.

ގަޑިއޯލާ ބުނެފައިވަނީ ރޮޑްރީ އަށް ލިބިފައިވާ އަނިޔާ އެއްކޮށް ބުނަން އަދި އުނދަގޫ ކަމަށާއި ނަމަވެސް އެނގޭ ކަމަކީ އޭނާއަށް އެކަމުގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހޭ ކަމަށެވެ. ނަމަވެސް ހީކުރާ ވަރަށްވުރެ އަވަހަށްވެސް ކުޅުމުގެ ތެރެއަށް އާދެވިދާނެ ކަމަށް ބައެއް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފަ އެވެ.

އުމުރުން 28 އަހަރުގެ ރޮޑްރީ ވަނީ އިތުރު ޓެސްޓުތަކެއް ހެދުމަށްޓަކައި މިދިޔަ ހޯމަ ދުވަހު އޭނާގެ އުފަން ގައުމު ކަމަށްވާ ސްޕޭނަށް ގޮސްފަ އެވެ.

ގަޑިއޯލާ އިތުރަށް ބުނެފައިވަނީ މިއަދު ނުވަތަ މާދަމާ ރޮޑްރީއަށް ލިބިފައިވާ އަނިޔާގެ ފުރިހަމަ މައުލޫމާތު އެނގޭނެ ކަމަށާއި އެއަށްފަހު ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ރޮޑްރީ ވަނީ ނިމިދިޔަ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ޔޫއެފާ ސުޕަރ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ސިޓީން ހޯދި ޓީމުގައިވެސް ރޮޑްރީ ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.

2019 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑްއިން މެންޗެސްޓަރ ސިޓީ އާއި ގުޅުނު ރޮޑްރީ ބުނެފައިވަނީ މި އަހަރުގެ ބެލޮންޑިއޯ އެވޯޑް އޭނާއަށް ލިބުމަކީ ހުވަފެނެއް ފެނުން ކަހަލަ ކަމެއް ކަމަށެވެ.