ޚަބަރު

އެންކުންކޫގެ ހެޓްރިކާއެކު ޗެލްސީއަށް ފަސޭހަ މޮޅެއް


އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ދެވަނަ ޑިވިޝަނުގެ ބަރޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެންކުންކޫ ހެދި ހެޓްރިކާއެކު 5-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ.

ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ އަށްވަނަ މިނިޓުގައި އެންކުންކޫ ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން މާޅޯ ގަސްޓޯ ގެ އެސިސްޓަކުން އެންކުންކޫ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 28 ވަނަ މިނިޓުގައި ޗެލްސީއަށް ލިބުނު ހިލޭ ޖެހުމެއް ޖޮއާއޯ ފީލިކްސް ފޮނުވާލުމުން އެ ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ކީޕަރު ޕޯލް ފާމަންގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެފައިވާ ބޯޅައެކެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗް އެންޒޯ މަރެސްކާ ވަނީ ގަސްޓޯގެ ބަދަލުގައި ބެން ޗިލްވެލް ކުޅެން އަރުވާފަ އެވެ. މިއީ މަރެސްކާ ޗެލްސީ އާއި ހަވާލުވުމަށްފަހު ޗިލްވެލްއަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ. މިއީ ނެޓް ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި ޗެލްސީން ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 75 ވަނަ މިނިޓުގައި އެންކުންކޫ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފަ އެވެ. މި ލަނޑާއެކު މި ސީޒަނުގައި އެންކުންކޫ ޗެލްސީއަށް ކުޅުނު އަށް މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 6 އަށް އަރާފަ އެވެ.