ޗައިނާގައި ކުރިއަށްދިޔަ ޗެންގްޑޫ އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް އޭޓީޕީ ޓެނިސް ޓައިޓަލް މުބާރާތެއް ކާމިޔާބުކުރި ޗައިނާގެ ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ޝެން ޖުންޗެންގް ހޯދައިފި އެވެ.
އުމުރުން އެންމެ 19 އަހަރުގެ ޝެން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި އިޓަލީގެ ލޮރެންޒޯ މުސޭޓީ 7-6 އަދި 6-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. ލޮރެންޒޯ ވަނީ ނިމިގެންދިޔަ އޮލިމްޕިކްސްގައި އިޓަލީގެއަށް ބްރޯންޒް މެޑަލްއެއް ހޯދަދީފަ އެވެ.
ޗައިނާގެ ދެވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ޝެންގެ މިއީ ފުރަތަމަ އޭޓީޕީ ޓައިޓަލް އެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި އޭޓީޕީ މުބާރާތެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ޗައިނާގެ އެންމެ މަޝްހޫރު އަދި ކާމިޔާބު ޓެނިސް ކުޅުންތެރިއަކީ ލީނާ އެވެ. އޭނާ ވަނީ 2011 ވަނަ އަހަރު ފްރެންޗް އޯޕަން އަދި 2014 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ޗައިނާގެ ފިރިހެން ޓެނިސް ކުޅުންތެރިންގެ ތެރެއިން އޭޓީޕީ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއަކީ މިދިޔަ އަހަރު ޑެލާސް އޯޕަން ކާމިޔާޝުކުރި ވޫ ޔީބިންގް އެވެ.
މި ކާމިޔާބީ އާއިއެކު ޝެން ވަނީ އަންނަ ނޮވެމްބަރ އަދި ޑިސެމްބަރ މަހު ސައުދި އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެކްސްޓް ޖެން އޭޓީޕީ ފައިނަލަށް ކޮލިފައިވެފަ އެވެ. މި މުބާރާތުގައި ދުނިޔޭގެ އެންމެ މޮޅު 20 ޓެނިސް ކުޅުންތެރިން ވާދަކުރާނެ އެވެ.