ޚަބަރު

ރައީސްގެ އދ. ތަގުރީރަށް ދުނިޔޭގެ މީޑިއާގެ ސަމާލުކަން، ދުނިޔޭގެ ލީޑަރުންގެ ތައުރީފް!


  • ރައީސްވަނީ ފަލަސްޠީނުގެ މައްސަލާގައި ބަސް އިއްވަވާފައި

  • އދ. އިސްލާހުކުރަން ޖެހިފައިވާކަން ހާމަކޮށްދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.ގެ ޢާންމު މަޖިލީހުގައި ދެއްވި ތަގުރީރަކީ މިހާތަނަށް ރާއްޖޭގެ ވެރިއަކު އެ މަޖިލީހުގައި ދެއްވި އެންމެ ހިކުމަތްތެރި، އެންމެ މޮޅު ތަގުރީރުގެ ގޮތުގައި އެތައް ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެ ތަގުރީރުގައި ރާއްޖެއާމެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރާއި، އުންމީދުތަކާއި މައްސަލަތަކަށް ހޯއްދަވޭނެ ޙައްލުތަކުގެ އިތުރުން ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުތައް ތަރުތީބުކުރެއްވިގޮތަށްވެސް ދުނިޔޭގެ މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ އައިސްފައެވެ.

އދއަކީ ދުނިޔޭގެ ސުލްޙައާއި އިންސާފު ޤާއިމުކުރުމަށް އެކުލަވާލާ މަސައްކަތްކުރަމުންދާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމާޢަތެވެ. އ.ދގެ މެންބަރު ޤައުމުތަކުގެ ޢަދަދު 193 އަށް އަރައެވެ.

އދ.ގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތު ދިވެހިރާއްޖެ އަށްލިބުނީ މީގެ 59 އަހަރުކުރިން ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ދުވަސް ފުރިހަމަ ނުވަނީހެވެ. އޭގެ ފަހުން ރާއްޖެއިން އަންނަނީ އދ.ގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ދުނިޔޭގެ މައްސަލަތަކުގައި ވާހަކަ ދައްކަމުންނެވެ. ނަމަވެސް މީގެ ކުރިން ރާއްޖެއިން އދ.ގައި ދެއްކި ވާހަކަތަކާއި ބައްދަލުވުންތަކަށްވުރެ ބޮޑު ސަމާލުކަމަކާއި ތަޢުރީފެއް އަމާޒުވީ، އދ.ގެ 79ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ފުރިހަމަ އަދި މާނަވީ ތަގުރީރަށެވެ.

ރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގެން އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރު ވެގެންދިޔައީ އެއްވެސް ޤައުމަކާމެދު ފަސްނުޖެހި، ރާއްޖެއިން ދައްކަން ބޭނުންވާ ކޮންމެ ވާހަކައެއް ބައިނަލްއަޤްވާމީ މައިދާނަށް އިއްވައިދެވޭނެކަން ހާމަވި ތަގުރީރަކަމަށެވެ. ދުނިޔޭގެ މައްސަލަތައް އޮތްގޮތް ތަފްސީލްކޮށްދެއްވީ ދުނިޔޭގެ ހުރިހާ ޤައުމެއް ހިމެނޭ ޗާޓު އަތްޕުޅުން ދެއްކުމާއެކު އެއްވެސް ފަސްޖެހުމެއް ނެތި ސާބިތުކަމާއެކުއެވެ.

އެ ފޮޓޯ ރައީސް އަތްޕުޅުން ހިފަހައްޓަވައިގެން ދުނިޔެއަށް ހާމަކޮށްދެއްވީ، ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި އޮތް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަތަކުގެ ސަބަބުން އަސަރުނުކުރާ ޤައުމެއް ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ބޮޑުވަމުންދާއިރު، ދުނިޔެ އޮތީ އެކަށީގެންވާ މަސައްކަތެއް ނުކޮށް، އެކަމާއި އަޅާނުލާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.

އެޗާޓުގައި ގަދަ ރަތްކުލައިން ޤައުމުތައް ފާހަގަކުރެއްވީވެސް ކަމުގެ ސީރިއަސްކަމުގެ ބޮޑުކަމުންކަން ދައްކުވައިދިނެވެ. އެއްވެސް ޤައުމެއް އިސްތިސްނާ ނުވާކަމެވެ.

އެ ފޮޓޯގައި ދުނިޔެއަށް ކުރިމަތިވެފައިވާ ވިއްސައްވުރެ ގިނަ މައްސަލައިގެ ލިސްޓުވެސް ހިމަނާފައި އޮތެވެ.

ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ލީޑަރުންނަސް މީގެ ކުރިން ދައްކަން ކެރިވަޑައިނުގެންނެވި އެތައް މައްސަލަތަކެއް ތިލަކޮށްދެއްވިއެވެ. ޚާއްޞަކޮށް ފަސްތީނުގެ މައްސަލައާއި، އދ. އިސްލާހުކުރަންޖެހިފައިވާ ކަމުގެ ވާހަކަފުޅެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުމުގައި އޮތް އދއެއް. ނުތަނަވަސްކަމުގައި އޮތް އދއެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒަޔަނިސްޓުންގެ ގަތުލްޢާއްމު ހުއްޓުވަން ގޮވާލެއްވި

ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޤުރީރުގައި ވަނީ މީގެކުރިން ރާއްޖޭގެ ލީޑަރަކު ފަލަސްޠީނުގެ މައްސަލައަށް އަލިއަޅުއްވާނުލައްވާ ވަރަށް އެ މައްސަލައަށް އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔަހޫދީން ސްކޫލުތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ތަންތަނަށް ހަމާލާދީ އެތައްހާހުން މީހުން މަރަމުންދާއިރު، އެކަން ނުހުއްޓުވި މިހާރު އެ ޖަރީމާތައް ލުބްނާނާއި ހިސާބަށް ފުޅާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިޢަމަލުތައް ފޮރުވުމަށް ފަލަސްޠީނާއި ލުބްނާނުގެ ނޫސްވެރިން މަރަމުންދާކަންވެސް އެމަނިކުފާނު ފާޙަގަކުރެއްވިއެވެ. އެހެންކަމުން ޔަހޫދީ ދައުލަތް މި ނިރުބަވެރި ޢަމަލުތަކަށް ޖަވާބުދާރީކުރުވަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅު ދުނިޔޭގެ މަޝްހޫރު ހުރިހާ މީޑިއާއެއްގެ ފަލަ ސުރުޚީއަށް އެރިއެވެ. ކުޑަ ޖަޒީރާ ޤައުމެއްގެ ލީޑަރަކު އެއް ދެއްކެވީ ދުނިޔޭގެ ވަރުގަދަ ލީޑަރުންނަށްވެސް ދައްކަން ނުކެރިފައިއޮތް ވާހަކަތަކެއްކަމަށް ދުނިޔޭގެ މީޑިއާތަކުން ރިޕޯޓްކުރިއެވެ.
އަލްޖަޒީރާ، ރަޝިއާގެ އާރްޓީ މީޑިއާ އަދި މިނޫންވެސް މަޝްހޫރު ބައިނަލްއަޤްވާމީ މީޑިއާތަކާއި އެކި ޤައުމުތަކަށް ނިސްބަތްވާ ޚަބަރު ފަތުރާ ވަސީލަތްތަކުން އެދަނީ އަދިވެސް ރައީސްގެ އެ ވާހަކަފުޅުތައް ގެނެސްދެމުންނެވެ. ރައީސްގެ ތަގުރީރުގެ ބައެއް ބަސްތައް ސޯޝަލް މީޑިއާގައިވެސް އެދަނީ ދައުރުކުރަމުންނެވެ. ތައުރީފްކުރަމުންނެވެ.

ބޭނުންވަނީ މާޔޫސްވެފައިވާ އދ.އެއް ނޫން

ރައީސްގެ ވާހަކަފުޅުގައި ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އ.ދއިން މިހާރަށްވުރެ ހަރަކާތްތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި މައްސަލަތަކަށް ބައިނަލްއަޤްވާމީ ނިޒާމެއްގެ ތެރެއިން ހައްލު ހޯދޭނެ ހަރުދަނާ ގޮތްތަކެއް ހޯއްދެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

އދގެ ދައުރު އަދާނުކުރެވޭތީ ރައީސްގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ރައީސް ވިދާޅުވީ، ބޭނުންފުޅު ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއްކަމަށާއި، ބައިބައިވެ މާޔޫސްވެފައިވާ އދ އެއް ނޫންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އދ.އިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައި އަދި ގައުމުތަކުގެ ދާޚިލީ ފެންވަރުގައި ތަންފީޒްކުރެވެންޖެހޭކަމަށް ވިދާޅުވިއެވެ. ބޭނުންވަނީ ނަތީޖާ ނެރެދެވޭނެ ނިޒާމެއްކަމަށް ތަކުރާރުކުރެއްވިއެވެ.

މީގެއިތުރުން ދެން އެމަނިކުފާނު އަލިއަޅުވާލެއްވީ ބޮޑެތި ޤައުމުތަކުގެ ސަބަބުން ކުދި ޤައުމުތައް ހުށައެޅޭ މޫސުމީ ނުރައްކާތެރިކަމަށާއި އެކަންކަމަށް އަވަސް ޙައްލުތަކެއް ގެނައުމުގައި ތަރައްޤީވެފައިވާ ޤައުމުތަކުން ދޭ އެހީތެރިކަން އިތުރުކުރުމަށެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތަކައި، ބޭއިންސާފު ނައްތާލުމަށް އދ. އިން މަސައްކަތް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މި ވާހަކަތައްވެސް ދުނިޔޭގެ މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އދ.ގައި ހުންނަވައި އެ ޖަމްޢިއްޔާ އިޞްލާހުކުރުން މުހިންމުވާ ސަބަބުތައް ތަރުތީބުން ތަފްސީލްކޮށްދެއްވިއެވެ. ކުޑަ ޤައުމަކަށް ބޭނުންވަނީ ކުޑަގޮތް ނޫންކަން ވިދާޅުވެދެއްވިއެވެ.

ކޮންމެއަކަސް މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ވެރިއަކު އދ.ގައި ދެއްވި ތަގުރީރާއި ބަސްތަކަށް ނުލިބޭ ސަމާލުކަން މިފަހަރު ދުނިޔޭގެ ސަމާލުކަމަށް ގެނުވައިފިއެވެ. މުޅި ދުނިޔޭގެ ބަސް، މި ކުޑަކުޑަ ރާއްޖޭގެ ރައީސް ބައިނަލްއަޤްވާމީ މައިދާނަށް އިއްވައިދީފިއވެ. ރާއްޖެއަކީ ހަރުއަޑުން އެފަދަ މައްސަލަތަކަށް ގޮވާލާ، އިންސާފަށް ލޯބިކުރާ ޤައުމެއްކަން ސާބިތުކޮށްދެއްވައިފިއެވެ.