ޚަބަރު

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ޑޯގް ސްކޮޑާއެކު ޚާއްސަ އޮޕަރޭޝަނެއް


  • ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވަމުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މުއައްސަސާތަކާ ގުޅިގެން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެކުގައި މަސައްކަތްކުރުމުގެ އައު ނިޒާމުތައް ޤާއިމުކުރުމާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސްއާ ދެމެދު ވަނީ ދާދި ފަހުން މަޝްވަރާކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ދެ މުއައްސަސާއިން މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު ދެ ކޮމިޝަނަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަސްތުވާތަކެތި ފަދަތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމުގައި ރޭވިގެން ހިނގަމުންދާ ކުށްތައް، އެކުށަށް އަރައިގަތުމުގެ ކުރިން ހުއްޓުވުމަށްޓަކައި ފުލުހުން މިހާރަށްވުރެ ކުޅަދާނަވާންޖެހޭ ކަމަށާއިރާއްޖޭގައި މާލީ ގޮތުން ހިންގަމުންދާ ކުށް ނުވަތަ ފައިނޭންޝަލް ކްރައިމްތައް ތަޙުޤީޤުކުރުމަށް، ފުލުހުންގެ ކެޕޭސިޓީ އެތައް ގުނައަކުން އިތުރުކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.